English Edition
Dhivehi Edition

ޤައުމީ ދުވަހުގެ މުނާސަބަތުގައި އޭއޯ ނިއުސްގެ ކިޔުންތެރިންނަށާއި ލިޔުންތެރިންނަށް ހެޔޮއެދުމާއިތަހުނިޔާ ރައްދުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

ދިވެހިރާއްޖޭގެ ޤައުމީދުވަހަކީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވި ދުވަހެވެ. މި މަތިވެރި މަސައްކަތް ކުރެއްވީ، އުތީމު ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ އެކުވެރިންނެވެ. ދުޝްމަނުންނަށް އުދަނގޫތަކާއި ދުއްތުރާތައް މެދުވެރިކުރައްވައި، އެންމެފަހުން މާލޭގައިހުރި ފުށެތިކާލުންގެ މަރުކަޒަށް ޙަމަލާދެއްވީއެވެ. އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އަނބުރާ ހޯއްދަވައި ދެއްވިއެވެ.

މި މަތިވެތި ކާމިޔާބީގެ ހަނދާންތައް އައުކުރާނީ، ބޮޑުތަކުރުފާނަށާއި އެ ތަކުރުފާނުގެ އަރިހުގައި ޖިހާދު ކުރެއްވި އަބްޠާލުންގެ ފުރާނަފުޅުތަކަށް މާތްﷲގެ ރަޙްމަތާއި ދަރުމަ މިންވަރުކުރެއްވުމަށް ދުޢާކުރާ ޙާލުގައެވެ. އަދި ޝުކުރުވެރިވުމުގެ ގޮތުން އަޅުގަނޑުމެންނާ ހަމައަށް ވާރުތަވަމުންއައި މިނިވަންކަން އަންނަންއޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށް ޢަޒުމުކަނޑައަޅަމުންވެސް މެއެވެ.
ޤައުމަށް އައި މިނިވަން ނޫރާނީ ދައުރުން މިހަނދާންތައް އައު ކުރަނީ…
އައުދާނަ އިތުރު އަބްޠާލުންނަށް ޒިކުރާގެ މަލުން މި ވެދުން ކުރަނީ…

މިނިވަންކަން ގެއްލިގެން ދިޔަނުދީ ހިފެއްޓުމަކީ، ފަސޭހަކަމެއްނޫނެވެ. އެކަން ކޮންމެ ދިވެހި ދަރިޔަކު ދަންނަން ޖެހޭނެއެވެ. ދުނިޔެ ބަދަލުވަމުން މިދާ ބާރު ދުވެލިގައި މާއްދީ ކަންތައްތަކަށް ހިތްތައް އެނބުރުނުހެން މާއްދިޔަތަށް ދަހިވެތިވާ ދަހިވެތިވުންވެސް ދަނީ ޙައްދެއްނެތި ބޮޑުވަމުންނެވެ.
އެހެންކަމުން ކުރިއަށްއޮތް އަހަރަށް ކަނޑައަޅުއްވާ ޤައުމީ ޝިޢާރަކީވެސް އެކަމާ ގުޅުންހުރި ޝިޢާރަކަށްހެދުން މުހިންމުކަމަށް ދެކެމެވެ. އެތެރޭގެ ހަމަޖެހުން ދެމެހެއްޓޭނީ ފަރުދުންނާއި އާއިލާތަކުގެ ޞުލްހަ މަޞްލަޙަތު ހަމަޖެހިގެންނެވެ. އެކަންކަމަށް މަގުފަހިވަނީ، ޢަދުލުވެރިކަމާއި އިންސާފާއި، ހަމަހަމަކަމާއި އެކުވެރިކަމާއި ގާތްކަމާއި ގުޅުންތަކުގެ ބަދަހިކަން ދެމެހެއްޓިގެންނެވެ. އަމިއްލަ މަޞްލަޙަތާއި ޤައުމީ މަޞްލަޙަތާކީ ކޮބައިކަމާމެދު ވިސްނާލުމަކީވެސް ހަމައެހާއި މުހިންމު ކަމެކެވެ.

ޤައުމެއްގެ އެކުވެރިކަމާއި އެއްބައިވަތަކަން ދެމެހެއްޓޭނީ ހަމަޖެހުން ޤާއިމްވެގެންނެވެ. ހަމަޖެހުން ޤާއިމްކުރުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވެން އޮތްކަމެއް ކުރުމަކީ ޤައުމީ ދުވަހާއި ގުޅިގެން ކަނޑައަޅަންޖެހޭ ކަމެކެވެ. މިކަން ކަނޑައަޅާނީ އެކިއެކި ފަރުދުންގެ ފެންވަރުގައެވެ. ޖަމާޢަތްތަކުގެ އިތުރުން މުޖުތަމައުގެ ފެންވަރުގައެވެ. ތަރައްޤީއަށްޓަކައި ކުރެވޭ ކަންކަމުގައި އެއްބާރުލާ ރައްޔިތަކީ މުހިންމު ބަހާއެކެވެ.

އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖެއަކީ ޞުލްޙަ މަސްލަޙަތަށް ލޯބިކުރާ ތަރައްޤީއާއި ކުރިއެރުމުގެ އަގު ވަޒަންކުރާ ރައްޔިތުން ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ލެހެއްޓެވުންމެވެ. މި ރާއްޖެއަށް އަބަދުވެސް ކުރިއެރުމުގެ އާރޯކަމާއި ފެހިކަން މިންވަރުކުރެއްވުމެވެ. އާމީން…