English Edition
Dhivehi Edition
ދީން ހިމާޔާތްކުރުމަށް ކަމަށް ބުނެ ބޭއްވުނު އެއްވުމުގެ ތެރެއިން - ފޮޓޯ: ހުސެއިން މަޚްތޫމް

ޤާނޫނާ ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފަހަކަށް އައިސް ‘ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ’ ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ބައެއް އެއްވުންތަކުގައި އެޤާނޫނާ ޚިލާފު ޢަމަލުތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެ ޤާނޫނަށް ގެނެވުނު އިސްލާޙުގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަޙައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމްކޮށް، ބާއްވަމުން ގެންދާކަމާއި އަދި އެފަދަ ބައެއް އެއްވުންތަކުގައި ޤާނޫނުން މަނާކޮށްފައިވާ ކަންކަން ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

“އަދި ޤާނޫނުގައި ބަޔާންކުރާފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް، ޤާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއްނެތި ބާއްވަން މަސައްކަތް ކުރާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.”، އެ ބަޔާނުގައި ބުނެފައި ވެއެވެ.

“ޤާނޫނާ އެއްގޮތަށް، ސުލްޙަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމާ، އަދި އެފަދަ އެއްވުންތައް އޮންނަ ސަރަޙައްދެއްގެ މަގުތަކާ އެނޫންވެސް ތަންތަނުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގެ އިންތިޒމްތައް ހަމަޖެއްސުމަކީ މިސަރވިސްއިން ވަރަށް އިސްކަންދީގެން ކުރަމުން ގެންދާކަންކަން ކަމުގައި ދަންނަވަމެވެ.”، އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ފުލުހުން ވަނީ ‘ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުން’ ލިބިދޭ މިނިވަންކަން ބޭނުންކުރުމުގައި ޤާނޫނީ އިމުގެ ތެރެއިން ހުރިހާ ކަންތައްތައް ކުރުމަށް، އެއްވުންތައް އިންތިޒާމްކުރާ ފަރާތްތަކަށާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފަ އެވެ.