English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ މާކިޅި އައްސޭރިފަށް ތަރައްގީކޮށް ބާބާކިޔު ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހިތަދޫ ދެކުނުދާއިރާގެ ކައުންސިލް މެމްބަރ މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އަންނަ ރޯދަމަސް ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބާބަކިޔު ހެދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ބާބަކިޔު ހެދުމުގެ އިންތިޒާމް އެތަނުގައި ހަމަޖެއްސުމުގެ ބޭނުމަކީ އާއިލާތަކާއި، ރައްޓެހިރަހުމަތްތެރިން އެއްތަނަކަށް އެއްވެ ހިތްއުފާ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ. އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވީ އެ ސަރަހައްދުގައި ބާބަކިޔު ސްޓޭންޑު ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް އެތަނުގައި ބަހައްޓަނީ ކިތައް ސްޓޭންޑް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. މާކިޅި އައްސޭރިފަށް މައިޒާނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ސިޓީކައުންސިލުންކޮށް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. އިށީންނާނެ ބެންޗުތަކާއި ކުނި އަޅާނެ ޑަސްބިންތައްވެސް މިހާރުވަނީ އެތަނުގައި ބަހައްޓައިފައެވެ. “ބާބަކިޔު ސްޓޭންޑުތަކެއް ބެހެއްޓުމުން އެތަން އިތުރަށް ފުރިހަމަވެގެންދާނެ،” ތައްޔިބު ވިދާޅުވިއެވެ. އެސަރަހައްދު މައިޒާނެއްގެ ގޮތުގައި ތަރައްގީ ކުރެއްވީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހިތްހަމަ ޖައްސާލުމަށް ބޭނުންވާނެ ތަނެއް ހިތަދޫގައި ގާއިމް ކުރުމުގެ ބޭނުމުގައެވެ.