ހަނގުރާމަވެރިން ތަމްރީނުކުރުމުގައި އިސްކޮށް އުޅޭ މީހެއް މާލެއިން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގެ ތުހުމަތުގައި އެވެ.
އޮންލައިން ނޫސް “މިހާރު” ނޫހުގައި ބުނެފައިވާ ގޮތުން ރޭގައި ހައްޔަރުކުރި މީހާ އަކީ ޕާކިސްތާނުގައި ހަނގުރާމަކުރަން ކުރިން އުޅުނު މީހެކެވެ. އަދި ސީރިޔާ އާއި އަފްޢާނިސްތާނުގައި އިސް މީހެއްގެ ގޮތުގައި ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތަށް މަސައްކަތް ކޮށްދިން މީހެއް ކަމަށް ވެއެވެ. އަދި އެމީހާ އަކީ މާލީ ގޮތުންވެސް އެހީތެރިކަންދޭ މީހެއް ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.
ރާއްޖޭގައިވެސް ހަރުކަށި ޖަމާއަތަށް ތާއީދުކުރާ ފަރާތް ތިބޭކަމަށް އެކި ފަރާތްތަކުން ބުނަމުން ގެންދާއިރު ރާއްޖެއިން އެތައް ބަޔަކު ސީރިޔާއަށް ހަނގުރާމައަށް ގޮސްފައިވާކަމަށް ރައީސް ސޯލިހް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެމީހުން ރާއްޖެ ގެނެވޭތޯ ބަލަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު ސީރިޔާގައި ކުރާ ދާހިލީ ހަނގުރާމައިގައި ދިވެހިންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.