މަސްވެރިކަމާއި ގުޅޭ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޖަޕާނުގެ ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް ،ޔޮޝިހިރޯއާ ބައްދަލުކުރައްވައިފި އެވެ.
މިހާރު ރައީސް ސޯލިހް ޖަޕާނަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ކުންފުނީގެ ރައީސް ގެ އިތުރުން ކުންފުނީގެ ސީނިޔާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
“އައްޑޫގައި ހުންނަ “ޔުއަރ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް” އަކީ ޔަމާކީ ކޯ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އައްޑޫގައި ހުންނަ މި ފެކްޓްރީން “ކަޓުސުއޮބުޝި” އުފެއްދުމަށް ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަނެއެވެ.” ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ބައްދަކުރެއްވުމުގައި ރާއްޖޭގައި މަސްވެރިކަން ފުޅާކުރުމާއި ގުޅޭގޮތުން ދެބޭފުޅުން ވާހަކަ ދައްކަވާފައި ވާއިރު ރައީސް ވަނީ އައްޑޫގައި އެ ކުންފުނިން ޤާއިމުކޮށްފައިވާ ފެކްޓްރީގައި ” ކަޓުސުއޮބުޝި” އުފެއްދުމާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ދިގުމުއްދަތަކަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަކުރައްވާ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.