English Edition
Dhivehi Edition

ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑް، އަޅައިދިން ކުންފުންޏަށް 185 މިލިއަން ރުފިޔާގެ އޮފީސް އިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އޮފީސް އިމާރާތެއް އެޅުމަށް ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފައިވާނީ ޗައިނާގެހުނާން އިންޖިނިއަރިންއާއި 185 މިލިއަން ރުފިޔާއަށެވެ. މިއަދު އޮތް ރަސްމިއްޔާތުގައި ހުނާން އިންޖިނިއަރިންގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ ލީގަލް ރެޕްރެޒެންޓޭޓިވް ވަންގް ހީ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ. އާ ސަރުކާރުން ޗައިނާގެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހަ ބުރީގެ އާ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި އޮންނަ 25،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ކަމަށް ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވައެވެ. މާލޭގައި މިހާރު ހުރި ބައެއް އޮފީސްތައް މި އިމާރާތް ނިމުމުން، އެތަނަށް ބަދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިހާރުގެ ސަރުކާރުން ރައީސް ޔާމީން ގެ ވެރިނަމުގައި ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް ހިންގި ބޮޑެތި މަޝްރޫއުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުފައިވެއެވެ. އެހެން ނަމަވެސް ހުޅުލޭ އާއި ހުޅުމާލެ ގުޅުވައިދޭ އާ ލިންކް ރޯޑް، 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް އަޅައިދިން ކުންފުންޏަށް ހަ ބުރީގެ އާ އޮފީސް އިމާރާތް އެޅުމަށް ހަވާލުކުރުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ޓެގު