English Edition
Dhivehi Edition
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) - ފޮޓޯ: މިހާރު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަޤާމް ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެމްބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 27 އޮކްޓޫބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ 08:30 އިން 14:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމުގައިވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ހޯމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާ ކައުންސިލްގެ މިދައުރުގެ އާންމު މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެމަގާމަށް މެންބަރަކު ޢައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ. ޢާންމު މެމްބަރުންގެ ގޮތުގައި ބަލާނީ މީޑިއާއި ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެމްބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެމްބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ޢާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ޝީރީން ނާހިދާ ލަތީފް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އަދި ބްރޯޑްކޮމްއަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެ ކޮމިޝަންގެ މެމްބަރުކަމުން ފާތިމަތު ޒައިނާ ވަކި ކުރުމާއި ގުޅިގެންނެވެ.