English Edition
Dhivehi Edition

މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު “ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ސަރުކާރުން އުފެއްދެވި ކުންފުނީގެ ބޯޑަށް މިއަދު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ މިއަދު އެ ކުންފުނީގެ ބޯޑަށް ތިން ޑިރެކްޓަރުން އައްޔަންކޮށްފަ އެވެ. އެއީ އަހްމަދު ޝަރީފު އާއި އަހްމަދު މަރުޒޫޤު އަދި ޝަމްވީލް މުހައްމަދު އެވެ. މީގެ އިތުރުން މިމަހުގެ 10 ވަނަ ދުވަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ)ގެ މަޤާމަށްވެސް ވަނީ ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ. އެ މަޤާމަށް އައްޔަންކޮށްފައި ވަނީ މޫސާ އަލި މަނިކް (މޫކޭ) އެވެ.

އާރުޑީސީ އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތަކަށްވާތީ، އެކަމަށް ހާއްސަކޮށްގެން އުފެއްދެވި ކުންފުންޏެކެވެ.

ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނި އުފެއްދެވީ ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުރު ރާސްތާގައި އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި ދާލަންތައް ތަރައްޤީކުރުމެވެ.އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަކީ، އިގްތިސާދީ އަދި އުމްރާނީ ތަރައްޤީއަށް މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ، އެކަމުގެ ޤާބިލުކަން ތަރައްގީ ކުރެވޭފަދަ ކުންފުންޏެއް އުފެއްދެވެމުގެ ބޭނުމުގައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރުން މިމަހުގެ ތެރޭގައި އަލަށް އުފެއްދެވި ކުންފުންޏެއް ކަމުގައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް ވެސް ބޭފުޅުން އައްޔަންކުރައްވައިފަ އެވެ.