English Edition
Dhivehi Edition

‏ގދ. ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއާއި އެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން މިއަދު ސޮއިކޮށްފިއެވެ.

ގދ. ތިނަދޫ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ ދަށުން މަގު ބައްތި ޖެހުމާއި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި އެވެ.

ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 78.8 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

އާރު.ޑީ.ސީ މުވައްޒަފުން މަސައްކަތްކުރިއަށްދާ ސަރަޙައްދުގައި

މިމަޝްރޫޢުގެ މަސައްކަތަށް ތިނަދޫގައި ޖުމްލަ 40 ވަޒީފާ އުފެދިގެންދާނެ ކަމަށާއި ދިވެހިން ނޫން ބަޔަކު މަސައްކަތަށް ނުނަގާނެ ކަމަށް އާރު.ޑީ.ސީ އިން ބުނެއެވެ. އާރު.ޑީ.ސީ އިން މިވަގުތު ގދ. ތިނަދޫގައި ކުރިއަށްގެންދާ މަޝްރޫޢު، ތިނަދޫ ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕިންގ މަސައްކަތް ކުރަމުންގެންދަނީ ވެސް މުޅިން ދިވެހިން ލައިގެންނެވެ.