English Edition
Dhivehi Edition
ޔޫސުފް ރިޒާ - ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކުންފުންޏެއް ކަމުގައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި އެވެ.

މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ މި ކުންފުނީގެ ބޯޑުގައި ތިއްބަވާ ހަތް ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައިފަ އެވެ.

އެގޮތުން ބޯޑުގެ ޗެއާމަނަކަށް އިކޮނޮމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި ޔޫސުފް ރިޒާ ޢައްޔަންކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ އަހްމަދު ޝިހާމް އަލީ އެވެ. އަދި ޑިރެކްޓަރުންނަށް ހަމަޖައްސަވާފައިވަނީ ނާހިޔާ މުހައްމަދާއި، ޝުރުފާ އަބްދުލްވާހިދާއި، މަހްމޫދު ރިޔާޒުގެ އިތުރުން މަރިޔަމް ވިޝާމާ އަހްމަދު އެވެ.

މިމަހުގެ 13 ވަނަ ދުވަހު އުފެއްދެވި މި ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެކެވެ.

މި ކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސުމާލަކީ 10ރ.ގެ 15 މިލިއަން ޙިއްޞާގެ މައްޗަށް ބަހާލެވިފައިވާ 150،000،000ރ. އެވެ.

އަދި މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްސެކެވެ.