ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް، މިއަދު ކުންފުންޏެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެކެވެ.
މި ކުންފުނީގެ ހުއްދަކުރެވިފައިވާ ރައުސުމާލަކީ 10ރ.ގެ 15 މިލިއަން ޙިއްޞާގެ މައްޗަށް ބަހާލެވިފައިވާ 150،000،000ރ. އެވެ.
އަދި މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްސެކެވެ.