އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުނު އެކަކު ނުފެނިގެން ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ ފާޠިމަތު ޢަޛްރާ ނަސީމް، ހ. ސެލްވޭޝަން /ކ.މާލެ (47އ) އެވެ.
ފުލުހުން ބުނީ ޢަޛްރާ ހޯދަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށާއި އޭނާ ޙާޟިރުކުރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށާއި، އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށާއި އަދި ޢަޛްރާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށެވެ.
ޢަޛްރާ ފުލުސް އޮފީހަށް ހާޒިރުކުރަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އޭނާ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ޢަޛްރާ ހާޒިރުވާން ޖެހޭނީ އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ކަމަށްވެސް ފުލުހުން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުމާއި ގުޅިގެން ސަރުކާރުން ވަނީ މައްސަލައިގެ ތަޙުޤީޤު ނިމެންދެން އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްވެސް ކޮށްފަ އެވެ.