English Edition
Dhivehi Edition

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)ގެ ބޯޑަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، މިއަދު ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް މީރާގެ ބޯޑުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސް ހުށަހެޅުއްވި ނަންތައް އަދި އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއްވެސް ރައީސް އޮފީހުން އާންމުކޮށްފައެއް ނުވެއެވެ.

އާންމު އުސޫލު އޮންނަ ގޮތުންނަމަ، މަޤާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންފުޅުތައް ހާމަކުރަނީ މަޖިލީހަށް އިއްވާ ހިސާބުންނެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަން ކުރުމަށްޓަކައި ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލި އެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ވެސް ރައީސް ސޯލިހު ވަނީ މަޖިލީހަށް ނަންފުޅުތަކެއް ހުށަހަޅުއްވައިފަ އެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސް ހުށަހެޅުއްވީ ފަތުޙުﷲ ޖަމީލް އާއި ޢިސްމާއީލް ނާޝިދުގެ ނަންފުޅެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސް ވަނީ ހަ ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ. އެ ބޭފުޅުންނަކީ މުޙައްމަދު ސިރާޖް މުނީރު އާއި އަސްމާ ޝަފީޢު އާއި އިސްމާޢީލް ސާޖިދުގެ އިތުރުން އަޙްމަދު ޝަރީފް އާއި އަޙްމަދު ވާފިރު އަދި ހަމްދީ ޢަޤީލް އެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭ ގޮތަށް މީރާގެ ބޯޑުގައި ތިއްބަވާނީ މަޖިލީހުން އައްޔަންކުރާ ޖުމްލަ ހަތް މެމްބަރުންނެވެ.