English Edition
Dhivehi Edition
ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވަނީ ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު ޖަމިއްޔާ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގައި މީގެ ކުރިން މަސައްކަތްކުރައްވާފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސީޕީ މުހައްމަދު ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވމުން އެމްޑީއެންގެ އެއްވެސް މަޤާމެއް އަދާކުރައްވާފައި ނުވާ ކަމަށާއި، އެޖަމިއްޔާގައި މަސައްކަތްވެސް ކުރައްވާފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް، ސީޕީ ފުލުހުންގެ ވަޒީފާއާއި ދުރުގައި ހުންނެވި ދުވަސްވަރު އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި ވަރަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު ތަޙުޤީޤުކުރަމުންދާ އެމްޑީއެންގެ ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ސީޕީ ހަމީދު ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެމްޑީއެން އިން ރިޕޯޓު ނެރުނު މައްސަލަ ތަޙުޤީޤުކުރުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ސީޕީ ހަމީދުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިންވެސް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ އެމްޑީއެން އިން އިސްލާމް ދީނުގެ އުސޫލްތަކާއި ޚިލާފު ގިނަ ވާހަކަތަކެއް ހިމަނައި، ދީނަށާއި ކީރިތި ރަސޫލާއަށް ހަޖޫޖަހައި ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލައާއި ގުޅިގެން، އެ ޖަމިއްޔާގެ އިސްވެރިން ސަރުކާރުގެ މަޤާމުތަކުގައި ހިމެނޭތީ ގިނަ ބަޔަކު ކަންބޮޑުވުމާއި ނުރުހުންތެރިކަން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ގިނަ މީހުން ބުނާ ގޮތުގައި އެމްޑީއެންގެ މައްސަލަ ފުލުހުން މިހާރު ތަޙުޤީޤުކުރަމުން އަންނައިރު، ސީޕީގެ މަޤާމުގައި ހަމީދު ހުންނެވުމަކީ ތަޙުޤީޤަށް ނުފޫޒު ފޯރާނެ ކަމެއް ކަމަށެވެ.

ސީޕީ މުހައްމަދު ހަމީދު ވަނީ 2016 ވަނަ އަހަރު އެމްޑީއެންގެ ބޯޑް މެމްބަރުކަމާއި، އެ ޖަމިއްޔާގެ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމްވެސް އަދާކުރައްވައިފަ އެވެ.