English Edition
Dhivehi Edition

މާލޭގައި ބިދޭސީ ރައްޔިތެއްގެ އަތުން ފޭރެން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެހާދިސާ ހިނގާފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުން މިއަދު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު ހެނދުނު 11:31 ހާއިރު ކަމަށެވެ. އެގޮތުން ފަރީދީމަގުގައި ބިދޭސީއަކު ހުއްޓުވައި، އޭނާ އަތުން ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ފަހަކައަށް އައިސް ބިދޭސީންނާމެދު ހިންގާ ޖަރީމާތައް ވަނީ ގިނަވެފައެވެ. ބިދޭސީންގެ އަތުން ފޭރާ މައްސަލަތައް ގިނަވެފައިވާއިރު، އެމީހުން ރަހީނުކޮށްގެން އުޅޭ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އިއްޔެވެސް ފުލުހުން ވަނީ ބަންގްލަދޭޝްގެ ރައްޔިތަކު ރަހީނުކޮށްގެން އުޅެނިކޮށް، އެމީހާ ސަލާމަތްކުރުމަށްފަހު ދެ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ބިދޭސީއަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބެލިއެވެ.

މީގެ އިތުރުން، ބިދޭސީން ދިރިއުޅޭ ގެތަކަށް ދިވެހިން ވަދެ ފޭރޭ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައިވެސް މިފަދަ ދެ މައްސަލައެއްގައި ދިވެހިން ހައްޔަރުކޮށްފައިވާއިރު، މިމަހުގެ އެއްވަނަ ދުވަހު، އާބުރުޒު ހިނގުމުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއަކުން ވައްކަން ކުރަން އުޅުނު 27 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.