English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ޕާޓީގެ މުއައްސިސް ޔުމްނާ އާއި ހަވާލުކުރަނީ - ފޮޓޯ: ޓްވިޓާ (އީސީ)

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ ކަމުގައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 7ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވެ ވަޑައިގެންފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ. އަދި އެ ލިޔުން ޔުމްނާ އާއި ހަވާލުކޮށްދެއްވީ އީސީގެ ރައީސް އަހްމަދު ޝަރީފް އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެން ބޭފުޅަކަށް ދިން ފުރަތަމަ ފަހަރެވެ.

އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ އާއި ހަވާލާދީ “ވީނިއުސް” އިން ރިޕޯޓުކުރާ ގޮތުގައި ޖަލްސާ ނުބޭއްވިގެން އުޅެނީ ތަނެއް ނުލިބިގެން ކަމަށާއި، ނަމަވެސް ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ޖަލްސާ ދަރުބާރުގޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް ޖާގައިގެ ދަތިކަން އުޅުމުގެ ސަބަބުން ޖަލްސާ ބާއްވާ ތާރީޚް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނޮވެމްބަރު 7ގެ ކުރިންވެސް ތަނެއް ހަމަޖެހިއްޖެނަމަ ޖަލްސާ ބާއްވާނެ ކަމަށްވެސް ނާދިރާ ވިދާޅުވި އެވެ.

އެމްއާރުއެމް އުފެއްދުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ. ނަމަވެސް ހެރިޓޭޖު މިނިސްޓަރ ޔުމްނާ ވަނީ މިދިޔަ މަހުގެ ތެރޭގައި 3313 މީހުންގެ މެމްބަރޝިޕް ފޯމާއެކު އެމްއާރުއެމް އުފެއްދުމަށް އެދި އީސީ އަށް ހުށަހަޅުއްވައިފައެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން މީގެ ކުރިންވެސް ވަނީ ދެ ޕާޓީއެއް އުފައްދައިފަ އެވެ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.