English Edition
Dhivehi Edition

ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ ދީދީ އައްޑޫސިޓީއަށް ވަޑައި ގަންނަވައިފިއެވެ.

މާރިޔާދީދީގެ މިދަތުރުފުޅަކީ، އިއްޔެ ރޭއްސުރެން އިއްޔެގެ މެންދުރާއި ހަމަޔަށް އައްޑޫސިޓީއަށް މެނދު ނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބައްލަވާ ލެއްވުމަށް ކުރައްވާ ދަތުރުފުޅުކެވެ.

ހުކުރު ދުވަހުގެ ރެޔާއި އިއްޔެ އައްޑުއަށް ކުރި ވިއްސާރާގައި އައްޑޫ ސިޓީގެ 140 ގެއަކަށް އެމް އެންޑީ އެފާއި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ހިތަދޫގެ 44 ގެއަކާއި މަރަދޫ ހަތަރު ގެއަކާއި މަރަދޫ ފެދޫގެ 12 ގެއެކެވެ. އަދި ފޭދޫގެ 43 ގެއަކާއި ހުޅުދޫގެ 10 ގެއަކާއި އަދި މީދޫގެ 27 ގެއެކެވެ.

މޫސުން ގޯސްވެ ވިއްސާރަވާ ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހިއްޖެނަމަ އައްޑޫގެ އާބާދީގެ ބޮޑު ބަޔަކަށް އޭގެ އަސަރު ކުރެއެވެ. ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުން ވުމަކީ ފަހަކަށް އައިސް އާންމު ކަމެކެވެ. މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވެލެއްވީ،އައްޑޫއަށް ކުރާ ވިއްސާރާގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަނީ މަގުތަކަށްވުރެ ގެތައް ތިރިވުމުން ކަމަށެވެ.

މި ވިއްސާރައިގެ ސަބަބުން ގިނަ ގެތަކެއްގެ ހިފާގެންގުޅޭ ސާމާނާއި ،ފަރުނީޗަރުތައްވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. ސިޓީގެ ހުރިހާ އަވަށް ތަކެއްގައި މިއަދު ވަނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން ސިޓީގެ ހުރިހާ އަވަށް ތަކެއްގައި ދަނީ މިއަދު ސާރވޭ ކުރަމުންނެވެ.