English Edition
Dhivehi Edition

2016 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާޢިއުކުރި ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް، އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ސަރުކާރުން މިއަދު އެ ޖަމިއްޔާ ސަސްޕެންޑްކުރީ އެ މައްސަލައިގެ ތަޙުޤީޤު ނިމެންދެން ވަގުތީ ގޮތުން ކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ އެންމެހާ ޙައްޤުތައް ނެގެހެއްޓުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށެވެ. އެހެންނަމަވެސް މި ޙައްޤުތަކުގެ ބޭނުން ހިފުމުގައި މުޖުތަމަޢުގައި ހަމަނުޖެހުން އުފެދޭފަދަ ނުވަތަ އިސްލާމް ދީނުގެ އަސާސީ އުސޫލްތަކާއި ފުށޫއަރާފަދަ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޤާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތައް ކަމުގައިވާ އިންޓަނޭޝަނަލް ކޮވްނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ 19 ވަނަ މާއްދާގައި ބަޔާންވެފައިވާ ފަދައިން ރައްޔިތުންގެ ދިމިޤްރާތީ ޙައްޤުތައް ކަމުގައިވާ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނެގެހެއްޓުމުގައި ދެމިތިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އައިސީސީޕީއާރްގެ 19 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވާހަކަދެއްކުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ އިންސާނީ ޙައްޤުތަކެވެ. އެހެންނަމަވެސް އައިސީސީޕީއާރް އިންވެސް ޤަބޫލުކުރާ ގޮތަށް، ނަފްރަތު އުފެއްދުމަށް ނުވަތަ މުޖުތަމަޢުގައި ހަމަނުޖެހުން އުފެއްދުން ފަދަ ނޭދެވޭ ބޭނުންތަކަށްޓަކައި މި ޙައްޤުތަކުގެ ބޭނުން ނުހިފޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ ޙައްޤުތަކަށް ފުށޫނާރާނެހެން މުޖުތަމަޢުގެ ސުލްހަމަޗަލަސްކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ މަތީ އެއް ވާޖިބު ކަމަށާއި، އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ދިމިޤްރާތީ ބިންގަލަށާއި، މުޖުތަމަޢުގެ އަމާންކަމާއި ސުލްހަމަސްލަސްކަމުގެ އެއް އަސާސް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހަމަ އެއާއެކު، ދީން ދިފާޢުކުރުމުގެ ނަމުގައި ނަފްރަތު އުފައްދައި، އިންޒާރުތައް ދީ އަދި އެހެން މީހުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ގޮވާލާ ފަރާތްތައް ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި، އެފަދަ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޤާނޫނުގެ ފުރިހަމަ ބާރު ބޭނުންކުރުމަށް ފަސްނުޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފޮރިން މިނިސްޓްރީ އިން ވަނީ އަދަބު އިހުތިރާމާއެކު، ރާއްޖޭގެ މުޖުތަމަޢުގެ އިހުސާސްތަކަށް ބަލައިގެން ޙައްޤުތަކުގެ ބޭނުން ހިފުމަށް އެންމެހާ ފަރާތްތަކަށް ގޮވާލައިފަ އެވެ.

1 ކޮމެންޓް
މިނިވަން
އޮކްޓޯބަރު 12, 2019
މިއޮތީ ސަހިންދާ އެބުނާ ބޭރުގެ ޕްރެސަރު އައިއްސަ