English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫ ސްކޫލުން އިންތިޒާމް ކޮށްގެން ހުޅުމީދޫގެ ސްކޫލްތަކުގެ މެދުގައި ބޭއްވުނު ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ ސްކޫލްގެ ޓީމް ހޯދައިފިއެވެ.

އިއްޔެ ހުޅުދޫ ޑީ.ކޭ ދަނޑުގައި ކުރިއަށް ގެންދެވުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އަސްރިއްޔާ ޕްރީސްކޫލްގެ ޓީމާއި ހުޅުދޫ ސްކޫލްގެ ޓީމެވެ.

މި މުބާރާތުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހުޅުދޫސްކޫލްގެ އާއިޝަތު ޝިފްނާ ޢަބްދުލް ކަރީމް އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންވެސް ހޮވާ ވަނީ ތައްޓާއި މެޑަލް ހަވާލު ކޮށްފައެވެ. ރަނަރ އަޕް ޓީމަކަށް އަސްރިއްޔާ ޕްރީސްކޫލް ހޮވިފައިވާ އިރު މި މުބާރާތުގެ ފެއަރ ޕުލޭ ޓީމަކަށް ހޮވިފައިވަނީ ސ. އަތޮޅު މަދަރުސާގެ ޓީމެވެ.

މި މުބާރާތުގައި ހުޅުމީދޫގައި ހުންނަ 5 ސްކޫލުން ބައިވެރިވިއެވެ. މިނެޓް ބޯޅަ މުބާރާތުގެ މައިގަޑު މަޤުސަދު ކަމުގައިވާ ހުޅުމީދޫގެ ސްކޫލް ތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުން ވަރަށް ރަގަޅަށް ހާސިލު ވެގެން ދިޔަކަމަށް ހުޅުދޫސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީ ހާމަކުރެއްވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް ހުޅުދޫސްކޫލްގައި ފާހަގަ ކޮށްފައިވަނީ “ޓީޗާރސް އެޕްރިސިއޭޝަން ވީކް” ގެނަމުގައިކަން ފާހަގަ ކޮށްލެވެއެވެ. މިހަރަކާތުގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުދައްރިސުން އަމިއްލައަށް އިސްނަގައިގެން ހުކުރު ދުވަހުގެ ރޭ ބާއްވާ “ގެޓް ޓްގެދާ ” ނައިޓަކުން ކަމަށް މުދައްރިސުން ހާމަ ކުރެއްވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް މިހާ ކުލަދަކޮށް ފާހަގަ ކޮށްދެއްވީތީ ސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދުﷲ ދީދީއަށް ސްކޫލްގެ ބެލެނިވެރިންނާއި މުދަރިސުން އަދި ހުރިހާ ދަރިވަރުން ނިހާޔަތަށް ޝުކުރު އަދާކުރެއެވެ.