ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (“ނޫމަޑި“) އިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް $155,000,000 (ސަތޭކަ ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު) އާއި އާބިޓްރޭޝަނާގުޅޭ އިތުރު ޚަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި 2 (ދޭއް) މައްސަލަ، އާބިޓްރޭޝަނުން ބޭރުގައި ޙައްލުކޮށް ސެޓްލްމަންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި ނޫމަޑިގެ ފަރާތުން ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން (“ފޭސްIއެއްބަސްވުން“) އާއި، 500 ހައުސިންގ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ދެމެދު 30 މެއި 2013 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން (“ފޭސްIIއެއްބަސްވުން“) އާ ގުޅިގެން ހުށަހެޅުނު މައްސަލަތައް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެފަރާތުން ވާހަކަދައްކައިގެން ޙައްލުކުރުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވަނީ، ކޯޓުން/އާބިޓްރޭޝަނުން ބޭރުގައި ޙައްލުކުރަން ޖެހޭފަދަ މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ.
އެގޮތުން، ސެޓްލްމަންޓް ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި، މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ޙައްލުކުރުމަށް މަސައްކަތް ކުރުމަކީ އެ މައްސަލަތަކުގައި ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ގޮތްކަމަށް ކޮމިޓީގެ މެންބަރުންނަށް ބުރަވެވުނެވެ. އަދި ނޫމަޑިއާ މަޝްވަރާކުރުމަށްފަހު، ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު، ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހަޅާފައިވާ އާބިޓްރޭޝަން މައްސަލަތައް ހިމެނޭގޮތުން، ފޭސް I އެއްބަސްވުމާއި ފޭސް II އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް ޙައްލުކޮށްފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓްލްމަންޓްގެ ގޮތުގައި $55,000,000 (ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް އެއްބަސްވެގެން ކަމުގައިވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ހައުސިންގ މިނިސްޓްރީ އިން ބުނީ ނޫމަޑިއާއެކު ސެޓްލްމަންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ މިނިސްޓްރީން ސޮއިކޮށްފައިވަނީ 25 އޮގަސްޓު 2019 ގައި ކަމަށެވެ.