English Edition
Dhivehi Edition

އިސްލާމް ދީން ޙިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާއާއި ޤާނޫނުއަސާސީއިން މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިވަނީ ވަނީ ސޯޝަލް މީޑިއާގައި މިއަދު އާންމު ކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމާ އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމުގައި ބަޔާންކޮށްފައި ވީހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގައި އިސްލާމް ދީން ޙިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާއާއި ޤާނޫނުއަސާސީއިން މަތިކޮށްފައިވާ ޒިންމާއެއްކަމުގައި ހާމަކުރައްވާފައިވެއެވެ. އަދި އެ ޒިންމާ އަދާކުރެއްވުން މަތީ ދެމިހުންނަވާނެކަމުގެ ޔަޤީންކަން ވެސް މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން 2015 ވަނަ އަހަރު “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަޞްލުތަކާ ފުށުއަރާ އަދި، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އަދި މި މައްސަލަ ބަލައި، ދިވެހި މުޖުތަމަޢުގައި ޤާއިމްވެފައިވާ ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.