ނިރުބަވެރި ޙަމަލާއެއް ރާއްޖެއަށް އަމާޒުވެދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށްބުނެ އިނގިރޭސި ވިލާތުން ރާއްޖެއަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފިއެވެ.
އޭގައިވާގޮތުން ނިރުބަވެރި ޙަމަލާތައް ރާވާ މީހުންގެ އަމާޒަކީ ދިވެހި ރައްޔިތުން އެކަނި ނޫން ކަމަށާއި ފަތުރުވެރިންގެ މަންޒިލްތަކަށްވެސް މިކަމުގެ ނުރައްކާ އެބައޮތްކަމަށް ހާމަކޮށްފައިވެއެވެ. އެހެންކަމުން މީހުން އެއްވެ އުޅޭ ތަންތަނަށާއި މުޒާހަރާތަކަށް އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން ނުދިއުމަށް އެޤައުމުން ވަނީ އިލްތިމާސް ކޮށްފައެވެ.
އޭގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުން 2017 އަދި 2018 ވަނަ އަހަރުގެ ތެރޭ ނިރުބަވެރި ޙަމަލާތައް ދޭން އުޅުނުބަޔަކު ދިވެހި ސަރުކާރުން ހައްޔަރު ކުރިކަމަށް ބުނެފައި ވެއެވެ. މިއީ ސީރިޔާއާއި ޢިރާޤު ފަދަ ޤައުމު ތަކުގައި ހިނގަމުން އަންނަ ހަމަނުޖެހުމުގެ އަސަރުކަން ފާހަގަ ކުރަމުން އިނގިރޭސި ވިލާތުގެ ރައްޔިތުން މިފަދަ ޙަމަލާތަކުން ރައްކާވެ ތިބުމަށް ސަމާލު ވުމަށް އަންގާފައި ވެއެވެ.
ރާއްޖޭގައި ހިނގާ ސިޔާސީ ހަރަކާތްތަކާ އެނޫނަސް އެކި އެކި ކަންކަމާ ގުޅިގެން އިނގިރޭސި ވިލާތުން މީގެ ކުރިންވެސް ވަނީ ކިތައްމެ ފަހަރަކު ޓްރެވެލް އެޑްވައިޒަރީ ނެރެފައެވެ. އެޤައުމުން އެޑްވައިޒަރީ ނެރުނު މި ދަނޑިވަޅަކީ މާލޭގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގައި އެކަކު ނިޔާވެ 7 ގެއަކާއި 4 ގުދަނެއް ރޯވުމުގެ އިތުރުން 400 އަށް ވުރެ ގިނަ ޢަދަދެއްގެ މީހުން ޙާލުގައި ޖެހުނު ޙާދިސާ ހިނގާފައިވާ ގަނޑިވަޅެކެވެ. މިޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް އެނގިފައި ނުވާއިރު އެއްބަޔަކު ގަބޫލުކުރާގޮތުގައި މިއީ ރާވައިގެން ދީފައިވާ ނިރުބަވެރި ޙަމަލާއެކެވެ. ފުލުހުން ދަނީ މިޙާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.