English Edition
Dhivehi Edition

އާދައިގެ މަތިން ހާލުބަލާލަން ރައްޓެއްސަކަށް ވައިބާ މެސެޖެއް ކޮއްފީމެވެ. ޖަވާބުގައި އައީ ވަރަށް ވަތަނީ ސްޓިކާއެކެވެ. ފުލު ފުލުގައި އެހެރަ އަންނަން ފެށީ ސްޓިކާތަކެވެ. ރަޓުބަހާއި ރަށު ބަހާއި ރަށި ބަހުންނެވެ. މިދައްކަނީ ވައިބާ ސްޓިކާ މާކެޓަށް ނިމިދިޔަ ހަފްތާގެ ތެރޭ އައި އިންގިލާބެއްގެ ވާހަކަ އެވެ. ވައިބާ ގްރޫޕްތައް މިދުވަސްކޮޅު ވަރަށް ޙަރަކާތްތެރި އެވެ. ބަޔާންކުރަން ބޭނުންވާ ވާހަކަތަކާ މީހާގެ އިޙްސާސްތައް ބަންޑުންކޮށްލަން މިއޮތީ ރަނުގެ ފުރުސަތެކެވެ. ކޮންމެ މީހަކުވެސް ބަލަނީ އަމިއްލަވަންތަ ސްޓިކާއެއް ތިމާގެ ފަރާތުން އަނެކާއަށް ފޮނުވާލެވޭ ތޯއެވެ.

ތަޢާރަފްވެގެން މި އައި ސްޓިކާ މާކެޓާއެކު ނެގި މަޑުވެފައިތިބި އެތައް ގްރޫޕެއް ހަލަބޮލިވިތަން ފެނިއްޖެ އެވެ. އެތައް ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިފިއެވެ. ޒަމާނީ ކުދިން ކިޔާ ހިއްވާ ގޮތަށް ފަށުވި ޢިބާރާތްތަކެއް ދައުރުވަމުން އަންނަ އިރު، ލޮލުގައި ދެން އަޅައިގަންނަނީ ފަނޑުވަމުން އުވެމުން ނެތެމުންދާ ދިވެހި މުހާވަރާތައް ތިލަވާ މަންޒަރެވެ. މިއީ ދިވެހި ބަހަށާއި ދިވެހީންގެ ބަހުރުވަ ތަކަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެކެވެ.

އަލަށް ތަޢާރަފްވާ ކޮންމެ ކަމެއްގައިވެސް ސިޔާސީ ކުލަ އެއް ޖައްސާލުމަކީ މިހާރުގެ ކުދިން މާ ގަޔާވާކަމެކެވެ. ވައިބާ ސްޓިކާގައިވެސް މިކުލަތައް ޖެހިއްޖެއެވެ. އެއްމެ ވިދާ ސިޔާސީ ތަރިން ފެންނަ ސްޓިކާ ތަކަކީ ވެސް ޢާއްމު އެއްޗަކަށް ވެއްޖެއެވެ.

މިމަހުގެ 16 ވަނަ ދުވަހު ވައިބާ އިންވަނީ އެޕްލިކޭޝަންގެ ތެރޭގައި ހުރެ ޑިޒައިންކޮށް ސްޓިކާ ޕެކް ތައްޔާރު ކުރެވޭނެ އަޕްޑޭޓެއް ނެރެފައެވެ. އެޕްލިކޭޝަންގައިވާ ސްޓިކާ މާކެޓަށް ގޮސް ކްރިއޭޓް ސްޓިކާއަށް ދިއުމުން އެއޮތީ އަމިއްލަ ސްޓިކާތައްޔާރު ކުރާނެ މަގު ފަހިވެފައެވެ. ތައްޔާރު ކުރެވޭ ސްޓިކާ ޕަބްލިކް ކުރުމާއި ނުކުރުމުގެ ބާރު އެމީހަކަށް ލިބިދީފައިވެއެވެ.

ސްޓިކާ އުފެއްދުން މިވަގުތަށް ތަޢާރަފް ވެފައިވަނީ އެންޑްރޮއިޑް ފޯނުތަކުގައި އެކަންޏެވެ. ފަހުގެ ތާރީޚެއްގައި އެޕަލް ފޯނުތަކަށާއި ޑެސްކްޓޮޕަށް މި ފީޗަރ ތަޢާރަފް ކުރާނެ ކަމަށް ވައިބަރ ޕްރެސްގައި ބުނެފައިވެއެވެ. ވައިބާއަށް މި ފީޗަރ އަލަށް ތަޢާރަފްވި ކަމުގައި ވިޔަސް މިއީ މިހާރަކަށް އައިސް ގިނަބަޔަކު ބޭނުން ކުރަމުން އަންނަ ޓެލެގްރާމްގައި މާކުރިންވެސް ހިމަނާފައިވާ ފީޗާރއެކެވެ.