ހުކުރުދުވަހުގެރެ ހިނގާ ދިޔަ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އަލިފަނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ ކަމުން ފުލުހުން މިހާރުވެސް ހިންގާ ތަހުގީގަށް، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރަމުން ދާކަމަށެވެ.
ހުކުރު ދުވަހުގެރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި އަދި ގިނަ އަދަދެއްްގެ އާންމު ރައްޔިތުންނަށާއި ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަލިފާނުގެ ހާދިސާ ކަމަށެވެ.
މިއީ ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ. މިކަމާ ގުޅިގެން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރިއަށް ދަނީ ހުރިހާ “އެންގަލް” އަކުން ބަލައިގެން ކަމަށާއި މިހާތަނަށް ހޯދި ހޯދުން ތަކުން އެއްވެސް ވަރަކަށް އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ޝިފާއު ވިދާޅުވީ އެމްއެންޑީއެފްއިން އަލިފާން ނިއްވާލި ހިސާބުން ފޮރެންސިކަލީ ތަހުލީލު ކުރަންޖެހޭ ތަންތަން ބަލަން ފަށާފައިވާ ކަމަށެވެ. ޝިފާއު ވިދާޅުވީ އެބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ބައެއްކަހަލަ ތަހުގީގުތައް ކުރުން މަޑުޖައްސާލި ކަމުގައިވީނަމަވެސް މިހާރު އެކަންކަންވެސް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެންމެ ބޮޑަށް އަލިފާން ރޯވެ އަނދާފައިވާ ތަންތަން އެއްދުވަސް ފަހުން ކްރައިމް ސީން ޕްރޮސެސް ކުރަން ފަށާފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ތަހުގީގު މި ގެންދަނީ ހުރިހާ ޕޮސިބިލިޓީއެއް ބަލައިގެން، ހުރިހާ އެންގެލް އަކުން ބަލައިގެން، އެކަމުގެ ޔަގީންކަން ދެން. އަލިފާނުގެ ހާދިސާ ހިނގީ އެކްސިޑެންޓަލީ ދިމާވި ކަމަކުންތޯ، ގަސްތުގައި މީހަކު ރޯކޮށްލައިގެންތޯ، މިހުރިހާ އެންގަލް އަކުން ބަލަމުން ގެންދާނަން،” ހަސަން ޝިފާއު ވިދާޅުވިއެވެ
ޝިފާއު ވިދާޅުވީ އަލިފާން ރޯވި ތިލަފުށީގެއާއި އެގޭ ކުރިމަތީ ހުރި ގެއަކީ ފޮރެންސިކް ތަހުގީގުގެ ތެރެއިން އެންމެ ބޮޑަށް ތަހުގީގު ކުރާނެ ދެ އިމާރާތް ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓޭޖު ހޯދާ ސީދާ އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން ފުލުހުން އަންނައިރު އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންގެ ތަހުގީގު ޓީމުތަކުން މިހާރުވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.