English Edition
Dhivehi Edition

ސްރީލަންކަން އެއާލައިނުން އައްޑޫސިޓީގެ ގަމަށް ކުރަމުން އަންނަ ދަތުރު ތައް އިތުރުކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން އައްޑޫސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.

ކައުންސިލް އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ސްރީލަންކަން އެއާލައިންސް އިން އައްޑޫސިޓީ ގަން ސަރަހައްދަށް ކަނޑައެޅި އާ އޭރިއާ މެނޭޖާރ ނައޯމީ ތެންނަކޫން އާއި ކުރިން އެ މަގާމުގައި ހުންނެވި ސުމަން އުދަޔަ ކުމާރަން ވަނީ ބައިވެރިވެފައެވެ.

އައްޑޫސިޓީ ކައުންސިލާއި ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޔޯމީ ވިދާޅުވީ، އައްޑޫ ސިޓީއަށް ފްލައިޓުތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރު ފްލައިޓު އިތުރު ކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކަނެކްޓިން ފްލައިޓެއް ނެތުނުް ކަމާށާއި މިމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރަށް ވުރެ ބޮޑަށް އިންޑިއާ އަދި ޗައިނާ މާކެޓުގައި އައްޑޫ އިޝްތިހާރު ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން އެކަމުގައިވެސް އެފަރާތެއް ދެވެން ހުރި އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް ނަޔޯމީ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކަން އެއާލައިނުން ގަމަށް ދަތުރު ކުރާތާ 2 އަހަރު ވެފައިވާ އިރު ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އެއާލައިނުން، ސްރީ ލަންކާ އަދި ޓްރިވެންޑްރަމް އަށް ކުރަމުންދިޔަ ދަތުރުރަކާއި، އެނޫންވެސް ބައިނަލް އަޤްވާމީ ދަތުރުތަކުގެ ސަބަބުން ވަނީ ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިފައެވެ.