English Edition
Dhivehi Edition

އުފަންދުވަސް ތަކަށާއި ހަފްލާތަކުގައި އެކި ބައްޓަމުގެ ފުއްޕާހަން ތައް ތިރިން ހިފަހައްޓައި ވައިގެ ތެރެއަށް ދޫކޮށްލުމަށް ބޭނުންކުރާ ގޭހަކީ ހީލިއަމް އެވެ. ހީލިއަމްއަކީ ޑެންސިޓީ ވަރަށް ދަށް ގޭހަކަށް ވުމުން މި ގޭހުގެ ބޭނުން ވަރަށް ގިނަ ކަންކަމަށް ހިފައެވެ. ޖައްވުގެ ތެރެއިން އުނދަގުލުން ހޯދައިގަނެވޭ މި ގޭހުގެ ޑިމާންޑު އިތުރުވުމުގެ ސަބަބުން މި ގޭހުގެ އަގު ވަނީ ބާޒާރުގައި އުފުލިފައެވެ.

ހީލިއަމް ވިއްކާ ދުނިޔޭގެ ބޮޑެތި މާކެޓުތަކުން ވަނީ މި އަހަރުގެ މިހާތަނަށް 3 ފަހަރެއްގެ މަތީން މީގެ އަގު މަތިކޮށްފައެވެ. މިއިން ކޮންމެ ފަހަރަކުވެސް 8 އިންސައްތައާއި 10 އިންސައްތައާއި ދޭތެރޭ މި ގޭހުގެ އަގު މަތިކޮށްފައި ވެއެވެ.

ހީލިއަމް އިން ކުރާ ބޭނުންތައް:
ހީލިއަމް އަކީ އޭގެ ޑެންސިޓީ ވަރަށް ދަށް ގޭހަކަށް ވުމުން ހީލިއަމްގެ ބޭނުން ވަރަށް ގިނަ ކަންކަމުގައި ހިފައެވެ. އެގޮތުން އެމްއާރްއައި ސްކޭން ކުރުމުގައި ޑޮކްޓަރުން އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ސާފު މަންޒަރު ހޯދުމަށް މި ގޭހުގެ ބޭނުން ކުރެއެވެ.

މި ގޭހަކީ ކަނޑުގެ އަޑިޔަށް ފީނުމުގަޔާއި ސައިންސްވެރިންގެ މިކަހަލަ ދިރާސާތަކުގައި ވެސް ބޭނުންކުރާ ގޭހެކެވެ. ކޮމްޕިއުޓަރ ޗިޕްސް އުފެއްދުމަށާއި ޓީވީ ސްކްރީންގެ ބައިބައި ހެދުމަށް ވެސް މި ގޭސް ބޭނުންކުރެއެވެ.

ޖައްވީ އުޅަނދުތަކުގެ އިންޖީނު ސާފުކުރުމަށާއި އޭގެ އާލާތްތައް ފިނި ކުރުމަށް މި ގޭސް ބޭނުން ކުރެއެވެ.

ފިހާރަތަކުގައި ބޭނުންކުރާ ބާކޯޑު ރީޑާތަކުގައިވެސް ހީލިއަމް-ނިއޯން ގޭސް ބޭނުން ކުރެއެވެ. ދިރާސާތައް ދައްކާ ގޮތުގައި ހީލިއަމްގެ 10 އިންސައްތަ ބޭނުންކުރަނީ ފުއްޕާހަމަށެވެ.

ހީލިއަމްގެ އަގު އުފުލިގެންދާ އެއް ސަބަބަކީ މި ގޭހަކީ އެހެން ގޭސްތަކުގެ ތެރެއިން އުނދަގުލުން ހޯދޭ ގޭހަކަށް ވުމާއި މި ގޭސް ރައްކާކުރުމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭތީއެވެ. އަދި މިއީ މަދުން ހޯދޭ ގޭހެކެވެ.