އައްޑޫސިޓީގައި ބާއްވާ ބައިނަލް އަޤްވާމީ ޓީޗާރސް ކޮންފަރެންސަށް ހީނުކުރާހާ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށް އެން އައި އީ އިން ވިދާޅުވެއްޖެއެވެ. ނޭޝަންލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ކޭމްބްރިޖް ޔުނިވަސިޓީ ޕްރެސް ގުޅިގެން ބާއްވާ ކޮންފަރެންސް ގެ ކަންކަން އިންތިޒާމް ކުރެއްވުމަށް އައްޑޫގައި މިވަގުތު ހުންނެވި ނޭޝަންލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ޝުހުދާ ރިޒްވާން އޭއޯނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިކޮންފަރެންސަށް ރާއްޖެއާއި ރައްޖޭން ބޭރުގެ ހީވެސް ނުކުރާހާ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާއި އެގޮތުން މި ކޮންފަރެންސް ވެގެންދާނީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެ ބޮޑު ކޮންފަރެންސް ގެ ގޮތުގައި ކަމަށެވެ.
” ކުރީގަ އަޅުގަނޑުމެން އެކި ފަރާތްތަކަށް ގުޅައިގެން އާދޭސް ކޮށްގެން ބައިވެރިން ލިބެނީ. މިފަހަރު އަޅުގަނޑުމެން ލަފާކުރި ޢަދަދުގެ އެތައް ގުނައެއް އިތުރަށް ހިތުން ރުހުމުން ބައިވެރިން ކުރިމަތި ލާފައިވަނީ . ވަރަށް ދެރަވޭ ޖާގަ ނެތުމުގެ ސަބަބުން އެދުނު ހުރިހާ ފަރާތްތަކަށް ފުރުސަތު ނުދެވުނީތީ “. ޝުހުދާ ވިދާޅުވިއެވެ.
އައްޑޫސިޓީ ޝަރަފުއްދީން ސްކޫލްގައި ސެޕްޓެމްބަރ މަހުގެ 4 ން 5 އަށް ބާއްވާ މިކޮންފަރެންސަށް ލިބުނު ތަރްޙީބާއެކު ކަރުދާސް ހުށަހެޅުން 3 ކްލާސް ރޫމްގައި އޮތް އޮތުން މިހާރު ވަނީ 8 ކްލާސް ރޫމަށް ބަދަލު ކުރެވިފައެވެ. އެގޮތުން 98 ކަރުދާހެއް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޓީޗާސް ކޮންފަރެންސް މިހާތަނަށް ބާއްވާފައި ވަނީ މާލޭގައި ނަމަވެސް މިފަހަރު އައްޑޫގައި މި ކޮންފަރެންސް ބާއްވަން ނިންމުމުގައި ސަބަބުތަކެއް އެބަހުރި ކަމަށް ޝުހުދާ ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެތައް ބަޔަކު ރާއްޖެއާއި މެދު ދެކެނީ “ޑްރީމް ޑެސްޓިނޭޝަން” އެއްގެ ގޮތުގައި ކަމަށް ވެފައި އެފުރުސަތު ފަހިކޮށްދިނުމާއި، އައްޑޫސިޓީއާއި ފުވައްމުލަކުގެ މުދައްރިސުން އެއްކޮށްލުމުން މާލޭސިޓީގެ މުދައްރިސުންގެ އާބާދީއަށް ވުރެ ބޮޑު ވުމާއެކު މިއީ މިބޮޑު އާބާދީއަށް ފަހި ފުރުސަތަކަށް ވުމުގެ އިތުރަށް މިސަރުކާރުގެ ލާމަރުކަޒީ ނިޒާމަށް އެއްބާރުލުން ދިނުން ހިމެނެއެވެ.
ޓީޗާސް ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވަން ހަމަޖެހިފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ. 4 ވަނަ ދުވަހު ފެށޭ މި ކޮންފަރެންސް ގެ ކީނޯޓް ސްޕީކަރ އަކީ ވެސް އެމަނިކްފާނެވެ. ކޮންފަރެންސްގެ ދެވަނަ ދުވަހުގެ ކީނޯޓް ސްޕީކަރ އަކީ ޔޫކޭގެ ސެންޓަރ ފޯރ މޮނިޓަރިން އެންޑް އިވޭލުއޭޝަން ޕޮލިސީ ޑައިރެންޓަރ ކޭޓް ބައިލީ އެވެ.
ޓީޗާސް ކޮންފަރެންސް ގެ ސްޕޮންސަރ ޕާޓްނަރުންނާއެކު ރޭވަނީ އީކުއޭޓަރ ވިލެޖްގަ ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ކޮންފަރެންސް ގެ މެއިން ޕާޓްނަރ އަކީ ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް އާއި އައްޑޫ ސިޓީ ކައުންސިލެވެ. އެކޮމޮޑޭޝަން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. ޓްރެވެލް ޕާޓްނަރ އަކީ އެމް ޕީއެލް އެވެ. މީޑިއާ ޕާޓްނަރ އަކީ އޭއޯނިއުސް އެވެ. އިތުރު ޕާޓްނަރސް ގެ ތެރޭގައި ސްކީމް،ޖަޒީރާ ގާޑިޔާ، އަދި މަލްޓި ސުޕަމާޓް ހިމެނެއެވެ.
ގާތްގަނޑަކަށް 300 ވަރަކަށް މެހެމާނުން ބައިވެރިވާ މިކޮންފަރެންސް އައްޑޫގައި ބާއްވާއިރު ބައިވެރީންނަށް މަރުޙަބާ ކިއުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މުޅި ސިޓީ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ.