English Edition
Dhivehi Edition

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯރޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބެމުން އަންނަ ކަމަށެވެ.

ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.

އަދި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުކަންދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދު ތަކަށް އަމަލްކުރުމަށް ވެސް އެމް އެން ޑީ އެފުން އިލްތިމާސް ކުރެއެވެ.. މީގެއިތުރުން ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދެއްވުމަށާޢި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދިފަވެއެވެ.