English Edition
Dhivehi Edition
ލޯންޗް ބަންޑުންޖަހާލި ޙާދިސާގައި މިއަދު ނިޔާވި ޙުސެއިން ޢަބުދުﷲ

ހަނިމާދޫ ހެލްތް ސެންޓަރުން މަޢުލޫމާތު ދެއްވާ ގޮތުގައި ލޯންޗު ބަންޑުން ޖަހާލި ޙާދިސާގައި މިހާތަނަށް 05 މީހުންވަނީ މަރުވެފައެވެ.

އަދި މިޙާދިސާގައި ހދ.ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރ، ޙުސެއިން ޢަބުދުﷲ (ބޮޑު ޓީޗަރ )އާއި ޢާއިލާގެ 4 މެމްބަރުން އަދި އެހެން ޓީޗަރެއްގެ އަންހެނުން ވެސް ވަނީ ނިޔާވެފައެވެ.މީގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މިއަދު ހެނދުނުއް ސުރެން ހޯދަމުން ދިޔަ ލޯންޗުން ދަތުރު ކުރި 10 މީހުންގެ ތެރެއިން މަރުވި 5 މީހުންނާއި އެހެން މީހުންވެސް މިހާރު ތިބީ ހަނިމާދޫ ސިއްހީ މަރުކަޒުގައެވެ. މި ޙާދިސާގައި ނިޔާވި ފަސް މީހުން ވެސް ޞިއްޙީމަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.އަދި ދެން ތިބި މީހުނަށް ޞިއްޙީމަރުކަޒުން މިހާރުދަނީ ފަރުވާ ދެމުންނެވެ.

މި ލޯންޗު ނޮޅިވަރަމުން ފުރިއިރު ވެސް މޫސުން ވަރަށް ގޯސް ކަމަށް ވެއެވެ. އެމް އެންޑީ އެފުން ހާމަކުރާ ގޮތުގައި ލޯންޗް ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ލޯންޗުން ދަތުރުކުރި އެކަކު ފަތާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުން ކަމަށެވެ.

އެވަގުތުންފެށިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފެށިފައިކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ. އަދި މިޙާދިސާގައި ކަނޑުމަތިން ނެގުނު އެއްވެސް ފަރާތެއް ލައިފްޖެކްޓް އަޅާފައި ނުވާކަންވެސް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން ހަނިމާދު އަށް ކުރަން ހަމަޖެހިފައިވާ މިއަދުގެ ހުރިހާ ދަތުރެއް މޯލްޑިވިއަނުން ވަނީ ކެންސަލް ކޮށްފައެވެ.

މެޓް އޮފީހުންވެސް ވަނީ މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ވިއްސާރަ ކުރާނެ ކަމަށާއި ދަތުރު ފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށްއިލްތިމާސްކޮށްފައެވެ.