English Edition
Dhivehi Edition

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިމަހުގެ 26 އިން 28 އަށް ކުރިއަށްދާ “އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް” ގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ކޮންފަރެންސް ގައި ދުނިޔޭގެ 33 ޤައުމެއްގެ އަސްކަރިއްޔާއަށް ނިސްބަތްވާ ޗީފް އޮފް ޑިފެންސްގެ މަޤާމު ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށެވެ.

ތައިލެންޑުގައި ކުރިޔަށް ދާ މި ކޮންފަރެންސްގެ ހަވާސާގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިމަހުގެ 26 ވަނަ ދުވަހު އޮސްޓްރޭލިއަން ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އެންގަސް ކޭމްޕްބެލްއާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ސްރީލަންކާއަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ އެ ދަތުރުފުޅަކީ، މާދަމާ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ފެށުމަށް ހަމަޖެހިފައިވާ “ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ” ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ސްރީލަންކާގައި އޮންނަ ސެމިނަރ، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ތައިލެންޑާއި ސްރީލަންކާއަށް ޗީފް ޑިފެންސް ފޯސް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.