ވެހިކަލް ދުއްވާ ބާރުމިން ދެނެގަތުމަށް އެންމެ ފަހުގެ ސްޕީޑްގަން ބޭނުން ކުރަން ފަށައިފި
1 މަސް ކުރިން
އައިޝާ މުޙައްމަދު

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން މިހާރު ބޭނުންކުރަމުންދާ ސްޕީޑް ގަންގެ ބަދަލުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ސްޕީޑް ގަން ބޭނުންކުރަން ފަށައިފިކަމަށް ފުލުހުންގެ އިދާރައިން ބުނެފިއެވެ.

މިއަދުން ފެށިގެން މާލެއާއި ހުޅުމާލެ އަދި ބްރިޖް ސަރަޙައްދުގައި ޓްރެފިކް ފުލުހުން މި ގަން ބޭނުންކުރަން ހަމަޖެހިފައިވާއިރު،  މި ސްޕީޑް ގަނަކީ މިހާރު ބޭނުންކުރަމުންދާ ގަންއަށްވުރެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އަދި އޭގައި ބޭނުންކުރެވޭ ފަންކްޝަންތައްވެސް ގިނަ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޓްރެފިކް ފުލުހުންވެސް ބޭނުންކުރަމުންދާ ވަސީލަތެކެވެ.

Advt

Advertisement

މި ސްޕީޑް ގަނުން ،ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭނެއެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭނެކަމަށާއި އެގޮތުން މިއީ  0 ން ފެށިގެން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް،  ރައްކާކުރެވޭނެ ވަސީލަތެއް ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

 

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ ސްޕީޑް ގަން ބޭނުންކުރަމުންނެވެ.