English Edition
Dhivehi Edition

ހުޅުމީދޫ ސެޓްލިންކުން މިހާރުދެމުންދާ މީޑިއާ ނެޓް ވަޔާލެސް ކޭބަލް ޓީވީގެ ހިދުމަތް މީޑިއާ ނެޓް ހިޓްސް އަށް ބަދަލުކުރުމަށްޓަކައި ޑިކޯޑަރު ބަދަލުކުރަން ޖެހުމާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކުން ސެޓްލިންކް އޮފީސް ކައިރީގައި ނުރުހުން ފާޅުކޮށް އެއްވުމެއް ބާއްވައިފިއެވެ. މި އެއްވުމުގައި ބައިވެރިވި މީހުންވަނީ ކޮންމެ އަހަރަކު އެއްފަހަރު ޑީކޯޑަރު ބަދަލުކުރަންޖެހޭ ކަމަށް ބުނެ މީޑިއާ ނެޓުންދޭ ހިދުމަތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. “މިހާރުވެސް ހަމައަށް ޗެނަލްތައް ފެންނަނީ އެއް ނޫން. ކޮންމެ ދެ ދުވަހުން އެއް ދުވަހު ސިގްނަލެއް ނުލިބޭ. ހިދުމަތް ހޯދަން ބޭނުންވަންޏާ ބަދަލުކުރަންޖެހޭނެއޭ ބުނާއިރު ފުރަތަމަ ރަގަޅު ހިދުމަތެއް ދީފަ ދެން ޑީކޯޑަރު ބަދަލުކުރަން އެންގިއްޔާ މާ ރަގަޅެއް ނުން.” މި އެއްވުމުގައި ބައިވެރިވި މީހަކު ބުންޏެވެ. މިކަމާ ގުޅިގެން އޭއޯ ނިއުސްގެ ފަރާތުން ހުޅުމީދޫ ސެޓްލިންކުގައި އިސްކޮށް މަސައްކަތް ކުރަމުންދާ ޝާކިރުއަށް ގުޅުމުން ބުނެފައިވަނީ ރައްޔަތުންނަށް ކޮންމެވެސް ބަޔަކު ނުބައި މައުލޫމާތެއް ދީގެން ބަޔަކު އެ އޮފީސް ކައިރިއަށް އެއްވެފައިވާ ކަމުގައެވެ. “މީހުންނަށް މައުލޫމާތު ލިބިފަ އޮތީ ޑީކޯޑަރު ވިއްކަނީ ކަމަށް. އެކަމަކު އަސްލު ޑީކޯޑަރު މިދެނީ ފްރީކޮށް. ކުރިންވެސް ބޭނުން ކުރަމުން އައި އެކައުންޓަށް އާ ޑީކޯޑަރެއް މި ވައްދަނީ. މި މަސައްކަތަކީ ފުދޭ ވަރަކަށް ބުރަ އަދި ބޮޑު މަސައްކަތެއް. އެހެންކަމުން އިދާރީފީ އަކަށް މި ޗާޖްކުރަނީ 200 ރުފިޔާ. ” ޝާކިރު ބުންޏެވެ. މިހާރުވެސް އައްޑޫ އާއި ފުވައްމުލަކު ފިޔަވައި ގިނަ ރަށްތަކަށް ހިޓްސް ބަދަލުކޮށްފައިވާ ކަމަށާއި ހިޓްސް ޕެކޭޖްތަކުގެ އަގު ކުރިން ބޭނުން ކުރަމުން އައި ޕެކޭޖްތަކަށްވުރެ ދެ ގުނަ ހެޔޮވާނެކަމަށް ޝާކިރު ބުންޏެވެ. “މިހާރު 424 ރުފިޔާ ދައްކާ ކަސްޓަމަރުން އޭރުން ދައްކަން ޖެހޭނީ 320 ރުފިޔާ.އެހެންވީމަ އަތުން ދާ 200 ރުފިޔާ ދެ މަހުން ކަވަރު ކުރެވި ރަގަޅު ފެންވަރުގެ އަގު ހެޔޮ ހިދުމަތްތަކެއް ލިބިގެންދާނެ” ޝާކިރު ބުންޏެވެ. މި ބަދަލަކީ ހުޅުމީދޫގެ ގިނަ ކަސްޓަމަރުން އެދިގެން ގެންނަން ނިންމާފައިވާ ބަދަލެއް ކަމަށާއި ގިނަ ކަސްޓަމަރުން އެދިއްޖެ ހާލަތެއްގައި މި ހިދުމަތް ހޯދުމަށް އެދެންޖެހޭ މުއްދަތު އިތުރުކޮށް ދެއްވާނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.