English Edition
Dhivehi Edition
މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް
މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)ގެ ފަރާތުން އިންތިޒާމުކޮށްގެން “އެޗް އާރު ބެސްޓް ޕްރެކްޓިސް ޝެއަރ” ގެ ނަމުގައި އައްޑޫގައި ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބާއްވާ މި ޕްރޮގްރާމުގެ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގަމުގެ އީކުއޭޓަރ ވިލެޖްގެ ބްލޫ ލެގޫންގައި ހެނދުނު 10:00 އިން 12:00 އަށެވެ.
މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ 2 ގަޑި އިރުގެ މި ޕްރޮގްރާމަކީ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އަދި އެޗްއާރާއި ގުޅުން ހުރި ކަންތައްތަކުގައި ގޮތްނިންމާ ފެންވަރުގައި މަސައްކަތް ކުރައްވަވާ ބޭފުޅުން ގެ ތެރެއިން ދާއިރާއިން ލިބިފައިވާ ތަޖުރިބާ ހިއްސާކޮށް އަދި އިތުރަށް ގިނަ މައުލޫމާތު ތަކެއް އުނގެނުމަށް ފަހި ފުރުސަތު ތަކެއް ލިބިގެން ދާނެ ޕްރޮގްރާމެއް ކަމަށެވެ.
“އެޗްއާރު ބެސްޓްޕްރެކްޓިސްގައި ދާއިރާއާއި ގުޅުން ހުރި މަސައްކަތް ކުރާފަރާތްތަކުން އެއްޕްލެޓްފޯމަކަށް އައިސް އެފަރާތްތަކުގެ ސަކްސެސް ސްޓޯރީ އެންމެންނާ ހިއްސާކޮށް އެބައެއްގެ އޮގަނައިޒޭޝަން ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން ކޮށްފައިވާ މަސައްކަތް ބުނެދޭނެ. އެގޮތުން މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމާއި ، ވަޒީފާއަށް މީހުންނެގުމާއި، ވަޒީފާގެ މާހައުލުގައި ދިމާވާ ސުލޫކީ މައްސަލަތައް ހައްލުކުރާނެ ގޮތާއި، މުވައްޒަފުންނާމެދު ކަނޑައެޅިފައިވާ ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒު ކުރުމާއި ، ހުނަރު ތަރައްގީކުރުމާއި، އެޗްއާރު ޑިޖިޓަލައިޒް ކުރުމާއި، އެޗްއާރު ބިޒްނަސް ޕާޓްނަރ އަދި އޯގަނައިޒޭޝަންތަކުގައި ގެންގުޅޭ ކަލްޗަރ ޓްރާންސްފޮރމޭޝަން ފަދަ ކަންތައްތައް މި ސެޝަންތަކުގައި ހިއްސާކުރެވިގެންދާނެ”
އައްޑޫސިޓީގައި ކުރިއަށް ގެންދާ ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަނުގައި އަލިއަޅުވާލާނެ ދާއިރާ ތަކުގެ ތެރޭގައި ޗޭންޖް މެނޭޖްމަންޓް އެންޑް މައިންޑްސެޓް، ޑިސިޕްލިނަރީ ޕްރޮސީޖަރ އާއި ހިއުމަން ރިސޯސް ޕްރޮފެޝަނަލް އެކަންތަކާއި ގުޅުވައި ގައިޑް ކޮށްދޭނެ ގޮތާއި ބެހޭ ގޮތުންނެވެ.
މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ދިމާވާ ޖިންސީ ފުރައްސާރައާއި ޖިންސީ ހަމަހަމަކަމާއި އަދި މިކަންތައްތަކަށް ހޭލުންތެރިކުރުމާ ބެހޭ ގޮތުން ޕެނެލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މުޅިން ހިލޭ ކުރިއަށް ގެންދާ މި ޕްރޮގްރާމާ ބެހޭ ގޮތުން އިތުރު މައުލޫމާތު މާޕްގެ ވެބްސައިޓް [email protected] .އަށް ޒިޔާރަތް ކުރުމުން ލިބޭނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން https://form.jotform.me/92193762273462 މި ލިންކުން ރަޖިސްޓްރީ ކުރެވޭނެއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.

މާޕުން ކުރިއައްޑޫގައި ކުރިއަށް ގެންދާ މި އިވެންޓްގެ ކޯ ހޮސްޓިން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. އެންޖީއޯ ސަޕޯޓް ޕާޓްނަރ އަކީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އެވެ. މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.