އުމުރުން އެންމެ 12 އަހަރުގައި މަޝްހޫރު ކުޅުންތެރިންގެ ލިސްޓުން ނަން ހޯދައި ރާއްޖެއަށް ރީތި ނަމާއި ފަޚުރު ހޯދައިދިން އައްޑޫސިޓީގެ އާއިލާއަކަށް އުފަން ފާތިމަތު ދީމާ އަލީ އަކީ ގިނަ ބަޔަކު ދަންނަ “ރާއްޖޭގެ ގޯލްޑް މެޑަލިސްޓް” އެވެ. ކުޑަ ކުޑަ ދީމާއަކީ އެ އުމުރުގެ ގިނަ ކުދިންނާ އަޅާބަލާއިރު ހުނަރުން ފުރިފައިވާ ތަފާތު ކުއްޖެކެވެ. މިއަހަރުގެ ޖުލައި މަހު ސްވިޑަންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ މަގާމު ހޯދައި އެ މުބާރާތުގެ ތާރީހުން ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިޔާ ދީމާއަކީ ކުޅިވަރުގެ ދާއިރާއިން އުޖާލާ މުސްތަގުބަލެއް އޮތް ކާމިޔާބު ކުއްޖެކެވެ.
އައްޑޫސިޓީ ހިތަދޫ ގާޑްނިޔާވިލާ އައިޝަތު ވަހީދާއާއި ސައްތާރުގެ ހަމައެކަނި ދަރިފުޅު ދީމާ އަކީ މަންމައާއި ބައްޕަގެ ފުރިހަމަ ލޯތްބާއި ތަރުބިއްޔަތު ލިބިގެން ކުރިއަރަމުން ، ވިދަމުން އަންނަ ތަރިއެކެވެ. ރާއްޖެއިން ބޭރުގެ އެކިއެކި ގައުމުތަކުގައި ތަމްރީނު ހޯދަމުން ޓޭބަލް ޓެނިހުގެ ދުނިޔޭގައި ދީމާ ވިދަމުން އަންނައިރު އެ ރޮނގުން ދީމާ ކުރިއަށް ގެންގޮސް ދިނުމުގައި އެންމެ ގާތުގައި އަތުކުރީގައި ހިފަހައްޓައިގެން ތިބީ ދީމާގެ މަންމައާއި ބައްޕައެވެ. މަންމައާއި ބައްޕަގެ ހުވަފެނަކީ ދީމާއަކީ މޮޅުކުއްޖަކަށް ވުމެވެ. ހުރިހާ ރޮނގަކުންނެވެ. މި ހުވަފެން މިހާރުވެސް ދީމާއެވަނީ ފުރިހަމަކޮށްދީފައެވެ. މަންމައާއި ބައްޕަގެ އިތުރުން މުޅި އާއިލާއާއި ރާއްޖެ ވެސް ފަޚުރުވެރިކޮށްދީފައެވެ.
“މުބާރާތުގައި ކުޅޭއިރު އެންމެ ބޭނުންވަނީ މަންމަ ފެންނަން ހުންނަން. މަންމަ ފެންނަން ނެތިއްޔާ މޯޓިވޭޝަން ގެއްލޭ. އެހެންވެ އަބަދުވެސް މަންމައަށް ބަލަބަލައި ހުރެވެނީ” އޭއޯ ނިއުސް އަށް ދިން އިންޓަވިއު އެއްގައި ދީމާގެ ކާމިޔާބީގެ އެއް ސިއްރަކީ އޭނާގެ މަންމަ ކަން ބުނެދެމުން ދީމާ ކިޔައިދިނެވެ.
“ދީމާ ކުޅޭއިރު ހުރިހާ ތަނަކަށް އަހަރެމެން ދަން. އެއްވެސް މެޗެއް އަހަރެން ނެތި ކުޅެފައެއް ނުހުއްނާނެ. ދީމާ ގާތު އަބަދުވެސް ބުނަން ކުޅެން ހުންނައިރު މެޗަށް ސަމާލުކަން ދޭށޭ މަންމަ ހުންނާނަމޭ ކައިރީގައި . އެކަމަކު ފެންނަ ފަށުގައި ނެތިއްޔާ ހުންނާނީ ހޯދާލަ ހޯދާލާ. އެހެންވެސް އަބަދުވެސް ކޮންމެ ގޮތެއް ހަދައިވެސް ދީމާއަށް ފެންނަގޮތަށް ހުރެވޭތޯ ބަލަން” ދީމާގެ މަންމަ ވަހީދާ ކިޔައިދިނެވެ.
ކުޑަކުޑަ ދީމާ ބުނިގޮތުގައި އޭނާ އެންމެ އުފާވަނީ މެޗް ނިންމާލުމަށް ފަހު އައުމުން ބައްޕަ އައިސް އުރާލާތީއެވެ.
“މަންމައާއި ބައްޕައަކީ ދީމާ ގެ އެންމެ ބޮޑު ހިތްވަރު” ދީމާ ބުންޏެވެ.
ތަފާތު އެކި ގައުމުތަކަށް ދަތުރުކޮށް ތަފާތު މުބާރާތްތަކާއި ޓްރެއިނިނިން ތަކުގައި ބައިވެރިވަމުން އަންނަ ދީމާ ބުނީ މިހާތަނަށް ދެވުނު ހުރިހާ ތަނަކަށް ބަލާއިރު ސްވިޑްން އަކީ ވަރަށް ހިތްހަމަ ޖެހުނު ތަނެއް ކަމަށެވެ.
“ބައެއް ތަންތަނަށް ގޮސް އެންމެ އުނދަގޫވަނީ ކާން ވީމަ. ދީމާއަށް އެންމެ މީރީ ރިހާކުރާ ބަތާ. ހެނދުނު ޕްރެކްޓިސް އަށް ދިއުމުގެ ކުރިންވެސް ދީމާ ކާން ބޭނުންވަނީ ބަތް. އެހެންވެ ކޮންމެ ތަނަކަށް ދިޔަޔަސް މަންމަ ގެންދާނެ ރިހާކުރާ އަދި ތެލުލިފަތް ކަހަލަ އެއްޗެތި. ބަތް ނުކުވެންޏާ އެހާ ބޮޑަކަށް ވަރެއް ނުޖެހޭ” ބޭރު ގައުމެއްގައި އުޅެ ބޮޑުވި ނަމަވެސް ދީމާއަކީ ފުރިހަމަ ދިވެއްސެކެވެ. ދީމާއަށް އެންމެ މީރީ ދިވެހި ކެއުމެވެ. ރިހާކުރާ ބަތާ ތެލުލި ފަތެވެ. އަދި ގަރުދިޔަ އެވެ.
އަވަށްޓެރި ސްރީލަންކާގައި ދީމާމެންގެ އާއިލާ ދިރިއުޅެމުން އަންނައިރު ދީމާގެ ކިބައިގައި ހުރި އާދަޔާޚިލާފު ހުނަރު ފެނި އަދި ހޯދަމުން އަންނަ ކާމިޔާބީ އާއެކު ލަންކާ ކޯޗުންނާއި އެސޯސިއޭޝަންތަކުގެ ވެރިން ވަނީ އޭނާ ވަށާލައި، ލަންކާ އަށް ކުޅެން ދައުވަތުދީ އެކަމަށް ބާރު އަޅާފައެވެ، ލަންކާގެ ވެސްޓަން ޕްރޮވިންސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ޗެއާމަން ވިދާޅުވެފައިވަނީ އެ ގައުމަށް އެ ކުޅުންތެރިޔާ ވަރަށް މުހިއްމު ކަމަށެވެ. އަދި ހުނަރުވެރިކަން ފެނި އޭނާ އަށް އެ ގައުމުގެ ރަށްވެހިކަންދޭން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ލަންކާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ދީމާގެ މައިންބަފައިން ބޭނުންވީ ދީމާ ހޯދާ ކާމިޔާބީ އަކީ ރާއްޖޭގެ އެއްޗަކަށް ވުމެވެ. ބޭރު ދުނިޔޭގައި ރާއްޖެއަށް ރީތިނަން ހޯދައިދިނުމެވެ.
ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރުގެ މެލޭޝިއާގެ ވަންސަ މަޖޫ ޓޭބަލް ޓެނިސް މުބާރާތުންނެވެ. އުމުރުން އެންމެ 9 އަހަރުގައި ދީމާ ވަނީ އެ މުބާރާތުގެ 11 އަހަރުން ދަށުގެ ބައިން، ރަން މެޑަލް ހޯދައި މީޑިއާގައި ރަން އަކުރުން ދީމާގެ ނަން ފަވާފައެވެ. އޭގެ ފަހުން ދީމާ ވަނީ 2017 ވަނަ އަހަރު ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއާ އެކު އޭނާ އަށް ލަންކާ އަށް ކުޅެން ލިބުނު ފުރުސަތު ވެސް މަންމަ އާއި ބައްޕަ ދޫކޮށްލީ، ރާއްޖެ އަށް ކުޅުވާށެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ މުބާރާތުގައި ނެރުނު ނަތީޖާއާ އެކު ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއާ އެކު ސްވިޑަންގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޮތް ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޭނާ ވާދަކުރީ އެ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭގެ ފަހުން ދީމާ ވަނީ މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި، އޭޝިއާ މުބާރާތަށް ކޮލިފައިވެފަ އެވެ. ދާދި ފަހުން އޭޝިއާ މުބާރާތުގައި ވާދަކޮށް ރިހި މެޑަލް ހޯދި އެވެ. އޭރު އޭނާ ވަނީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މީގެ އިތުރުން ދީމާ ވަނީ މިދިޔަ މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް ރަން މެޑެލް ހޯދައިދީ މުޅި ރާއްޖެއަށް ރީތިނަން ހޯދާދީފައެވެ.
ދީމާގެ މިހުރިހައި ކާމިޔާބީ ތަކަކާއެކު ދީމާ ބުނީ ދީމާ އަށްވުރެ އުމުރުން ދޮށީ މީހުންނާއެކު ކުޅެން ޖެހުނަސް އެއްވެސް ޖެހިލުމެއް ނުވާކަމަށެވެ.
“އޭޖް އިޒް ޖަސްޓް އަ ނަމްބަރ ދޯ. ދީމާއެއްވެސް ބިރެއް ނުގަނޭ އެކަހަލަ ކަމަކާ. އަބަދުވެސް ކުޅުމަށް ފޯކަސް ކުރަނީ.މޮޅުވެވޭތޯ ކުޅެނީ” ދީމާ ކިޔައިދިނެވެ.
ޓޭބަލްޓެނިސް ގޯލްޑް މެޑަލިސްޓް ދީމާ ބޮޑުވެގެންވެސް މި ކުޅިވަރު ކުޅެން ބޭނުމެވެ. ކިޔަވާ ނިމުނަސް ކުޅިވަރުގެ ރޮނގުން އަބަދުވެސް ކުރިއަށްގޮސް ކުޅުމުގައި އުޅެން ބޭނުމެވެ.
“އެންމެ ބޭނުން 2 ކަމެއް އޮތީ. ދީމާ ބޮޑުވެގެން ވާން ބޭނުމީ ސައިންޓސްޓަކަށް. އަދި ނޭނގޭ ކިހިނެއްކަމެއް އެކަން ކުރެވޭނީ. އެކަމަކު އެއީ ބޭނުންވާ ކަމަކީ. ދެން އޮތީ ކުޅުން. މި ދެކަން ދީމާ ކުރަން ބޭނުމީ” ކުޑަކުޑަ ދީމާ ކިޔައިދިނެވެ.
ހުސްވަގުތު ތަކުގައި ކުލަޖެއްސުމަށް ސަމާލުކަން ދޭ ދީމާ ބުނީ ވާހަކަ ފޮތް ކިޔުމާއި ގޭމް ކުޅުމުގެ އިތުރަށް އެންމެ ކުރާ ހިތްވާ ކަމަކީ ކުލަޖެއްސުން ކަމަށެވެ.
ލަންކާގެ ރޯޔަލް އިންސްޓިޓިއުޓުގައި ކިޔަވަމުން އަންނަ ދީމާ އަށް އެ އިންސްޓިޓިއުޓްގެ ކަލާސް އެވޯޑުގައި އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރުވަނީ ލިބިފައެވެ. މި މަގާމު ދީމާ ހޯދާފައިވާތީ އޭނާ އަށް އެ ސްކޫލުން ފީއެއް ނުނަގަ އެވެ. އަދި ބޭރު މުބާރާތްތަކުގައި ވާދަކުރަން ކިޔެވުން މެދުކަނޑާލަން ޖެހޭ ދުވަސްވަރު، އޭނާ އެނބުރި ދިއުމުން ޓީޗަރުން އިތުރު ގަޑީގައި ނެރެގެން ދީމާ އަށް ކްލާސްތައް ބާއްވައިދެ އެވެ.
“ސްކޫލްގައި އުޅޭިއިރު އެކުވެރިން ކައިރީގައި ނުދައްކަން ކުޅޭ ވާހަކައެއްވެސް. ދީމާ ބޭނުމެއް ނުވޭ ސެލިބްރިޓީއަކަށް ވެގެން އުޅޭކަށް. ގިނަ ކުދިންނަށް ނުވެސް އެނގޭނެ ދީމާ ކުޅޭ ކަމެއްވެސް. މާ ބޮޑަށް އެނގިއްޖެއްޔާ ފްރެންޑްސް މަދުވެދާނެ. ދީމާ ބޭނުމީ ހަމަ އާދައިގެ ކުއްޖެއްގެ ގޮތުގައި ފްރެންޑުންނާއެކު މަޖާކުރަން” ކުޅިވަރުގެ ދަނޑުގައި މަތީ ކާމިޔާބީ ހޯދިނަމަވެސް ދީމާގެ އުޅުން ހަމަ ވަރަށް ސާދާ ސީދާވެފައި އާދައިގެއެވެ.
“ދީމާއަކީ ވަރަށް ތަފާތު ކުއްޖެއް. ކުޅޭ ވަގުތު ނިމުމުން ދެން ކުޅުމާ ބެހޭ އެއްވެސް ވާހަކައެއް ދައްކައެއްވެސް ނޫޅޭނެ. ކުޅޭތަނުން ނިކުންނަ ހިސާބުން ފެށިގެން އެކަން އެ ނިމުނީ. ލިބޭ ކާމިޔާބީ ތަކުގެ ވާހަކަވެސް މީހުންކައިރީ ދައްކާ އަދި ރައްޓެހިންނާ ހިއްސާކޮށްވެސް ނަހަދާނެ. ގޭގައި ވެސް އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާނެ. ސްކޫލުން އައިސް ހުސްވަގުތުގައި އެކުރާ ކަމެއް ކޮއްލަކޮއްލާއި ހުންނާނީ” ދީމާގެ މަންނަ ވަހީދާ ކިޔައިދިނެވެ.
މިވަގުތު ޗައިނާގެ ނަންޖިންޕްރޮވިންސްގައި ޓްރެއިނިން ހަދަމުން އަންނަ ދީމާގެ މަންމައާއި ބައްޕަގެ އިތުރުން ދީމާގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ ދެމުން އަންނަ އެހީތެރިކަން ދީމާގެ މައިންބަފައިން އަބަދުވެސް ހަނދާންކުރެއެވެ. މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަނުން އަދި އަމިއްލަ ކޯޗުން ވެސް ދީމާ އަށް ދެމުން އަންނަ އެހީތެރިކަން އެމީހުން ފާހަގަ ކުރެއެވެ. ހަމަ އެއާކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ގެ ފަރާތްޕުޅުން ލިބޭ އެހީތެރިކަން ވެސް އެމީހުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.
މިހުރިހާ ދުވަހު މަންމައާއި ބައްޕަ އަމިއްލައަށް ޚަރަދުކޮށްގެން ދީމާ މޮޅުކުޅުންތެރިއަކަށް ކުރަމުން އައި މަސައްކަތުގައި މިހާރު ސަރުކާރުން ވަނީ ހިފާފައެވެ. އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ހިސާބުން ފެށިގެންދީމާގެ ތަމްރީންތަކުގެ ހަރަދުތައް ހަމަޖައްސައިދޭން ކުޅިވަރާ ބެހޭ މިނިސްޓްރީންވަނީ ނިންމާފައެވެ.
ދާދިފަހުން ދީމާ ވަނީ އާއިލާއާއެކު އައްޑޫއަށް އައިސްފައެވެ. ދީމާ އައްޑޫއަށް އައީ މާމައާއި ކާފަ ދެކިލަން ކަމަށް ދީމާ ބުންޏެވެ. މި ދަތުރުގައި ދީމާގެ ކާމިޔާބީ ފާހަގަކޮށް، އައްޑޫ ސިޓީ ކައުންސިލުން ވަނީ ދީމާ އަށް ހާއްސަ ޓްރޮފީއެއް ދީފައެވެ. މީގެ އިތުރުން ފޭދޫ ސްކޫލުން ވެސް ވަނީ ދީމާއަށް ދައުވަތުދީ އެ ސްކޫލުގެ އެސެމްބްލީގައި ވާހަކަ ދެއްކުުމުގެ ފުރުސަތު ދީފައެވެ.
“މިއީ އައްޑޫއަށް އައި ފުރަތަމަ ފަހަރު. އައްޑޫ ވަރަށް ސަޅި އެންމެ ރަނގަޅީ ދުއްވާ އެއްޗެތި މަދުވީމާ” އައްޑޫ ގެ ދަތުރު ނިންމާލުމަށްފަހު ފުރަން އޮތް ދުވަހު ދީމާ ބުންޏެވެ.
ކުޑަކުޑަ ދީމާގެ އުއްމީދަކީ ދުނިޔޭގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރިންގެ ތެރޭގައި އޭނާގެ ނަން ހިމެނިގެން ދިއުމެވެ. ދުއާއަކީ ދީމާގެ ހުރިހާ އުއްމީދެއް ފުރިހަމަވެ އިތުރު ކާމިޔާބީއާއި ކުރިއެރުން ދީމާއަށް ލިބުމެވެ.