English Edition
Dhivehi Edition
އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ޔޫތްލީޑަރޝިޕް ޕްރޮގްރާމާ ބެހޭ ގޮތުން މިނިސްޓްރީގެ ޓީމުން ހުޅުމީދޫގެ އެންޖީއޯތަކާ ބައްދަލު ކުރުމުގެ ތެރެއިން: ފޮޓޯ: އޭއޯ ނިއުސް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސްއެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް އާއި ޔޫންއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ޔޫތު ލީޑަރ ޝިޕް ޕްރޮގްރާމެއް އައްޑޫސިޓީގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީން ބުނެފިއެވެ.

އޮގަސްޓް މަހުގެ 23 ވަނަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕަކީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އައްޑޫގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ ހުޅުމީދޫގައެވެ.

ޔޫތު ލީޑަރ ޝިޕް ޕްރޮގްރާމާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ޔޫތު މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަޙްމަދު އިރާޝް ވިދާޅުވީ މި ޕްރޮގްރާމީ މިނިސްޓްރީ އާއި ޔޫއެންޑީޕީ އާއި ގުޅިގެން މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޕްރޮގްރާމު ފެށުމަށް ހަމަޖައްސާފައިވަނީ ދެކުނުގެ ސަރަހައްދުގައި ކަަމަށް އިރާޝް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިނިސްޓްރީން ނިންމީ ދެކުނުގެ ޕްރޮގްރާމު ހުޅުމީދޫގައި ހިންގުމަށް. މިއީ އެކަހަލަ ބޮޑެތި ޕްރޮގްރާމުތައް މަދުން ހިންގޭ ތަނަކަށް ވާތީ ހަމަހަމަ ފުރުސަތު ތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ހުޅުމީދޫ އަށް މިފަހަރު އަމާޒުކުރީ. މިއީ މިކަހަލަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަ ވަރަށް ރަނގަޅު ލޮކޭޝަނެއް ކަމަށް ފާހަގަ ކުރެވޭ” އިރާޝް ވިދާޅުވިއެވެ.

ޔޫތް ލީޑަރޝިޕް ބޭއްވުމުގެ ތައްޔާރީ ތަކުގެ ތެރެއިން މިނިސްޓްރީން ވަނީ ހުޅުމީދޫގެ ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ކޭމްޕް ސްޓައިލަށް ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު ލޮކޭޝަނެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ މީދޫ އީދިގަމޫލު ސަރަހައްދެވެ. މީގެެ އިތުރުން އައްޑޫގެ ބައެއް މުއައްސަސާ ތަކާ ވެސް މިނިސްޓްރީގެ ޓީމުން ވަނީ މި ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

“މި ޕްރޮގްރާމަކީ މީގެ ކުރިން ވެސް ވައިޕީއެލްގެ ނަމުގައި ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގި ކާމިޔާބު ޕްރޮގްރާމެއް. މީގެ ކުރިން ބަނޑޮސް އައިލެންޑް ރިސޯޓުގައި ވަހީދުއްދީން ގެ އިސްނެންގެވުމުގެ މަތިން މި ޕްރޮގްރާމުވަނީ ތަފާތު ގިނަ ފަހަރެއްގެ މަތިން ހިންގާފައި. ޕްރޮގްރާމުގައި އޭރު ބައިވެރިވެ ލީޑަރުންގެ ގޮތުގައި ތަމްރީނުވި އެތައް ޒުވާނުންނެއް މިހާރު ރާއްޖޭގެ ލީޑަރ ޝިޕް އިސް ސަފުގައި ހަރަކާތްތެރިވާތަން ފެނިގެން އެދަނީ. އެހެންކަމުން މިއީ އިޖުތިމާއީ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އަދި ލީޑަރުންގެ ގޮތުގައި ތަމްރީނުވާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް” ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިރާޝް ވިދާޅުވިއެވެ.

އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި ޕްރޮގްރާމުގައި އައްޑޫގެ ކޮންމެ ރަށަކުން 6 ޒުވާނަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.