English Edition
Dhivehi Edition

ރަފީ ޖަމިއްޔާ އާއި ޔޫތް މިނިސްޓްރީ އާއި ގުޅިގެން އިންތިޒާމްކުރަމުންގެންދާ “ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް (ޖީ.ވައި.ޕީ.އޭ)” ޓްރެއިނިންގ ޕްރޮގްރާމުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއި އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ހާއްސަ ހަފްލާއެއްގައި ޖުމްލަ 14 ޕާޓްނަރުންނާއި ސްޕޮންސަރުންނާއި އެކު ސޮއިކޮށްފައިވާ ކަމަށް ރަފީން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވީ.އައި.ޕީ ހޮޓެލް ޕާރޓްނަރ ހޮޓެލް ޖެން، އެކޮމޮޑޭން ޕާރޓްނަރުން ކަމުގައިވާ އަރާމް ސްޓޭ ބައި ނަކަތަ ޓްރެވަލްސް އަދި ކްލިއަރ ސްކައި ބައި ކޮޖެންޓް، ވެނިއު ޕާރޓްނަރ މޯލްޑިވްސް ނެޝަަނަލް ޔުނިވަރސިޓީ، އޮފިޝަލް މީޑިއާ ޕާރޓްނަރ ޕަބްލިކް ސަރވިސް މީޑީއާ، އޮންލައިން މީޑިއާ ޕާރޓްނަރ ވަން އޮންލައިން، އެންޓަރޓެއިންމަންޓް ޕަރޓްނަރ ހަބޭސް، އެމެޖެންސީ މެޑިކަލް ޕާރޓްނަރ އޭ.ޑީ.ކޭ، ކޭޓަރިން ޕާރޓްނަރ ބުރުޒު ކޭޓަރިންގ، ފެސިލިޓޭޝަން/ އެންޑޯޒްމަންޓް ޕާރޓްނަރުން ކަމުގައި ހޯކްސް ޕވޓ ލޓޑ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލޓޑ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހެޕީ މާކެޓެވެ.

މިއަދު ކުރިޔަށްދިޔަ ހަފްލާގައި ރަފީ ޖަމިއްޔާގެ ރައީސާ ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ މިޙަރަކާތަށް ސްޕޮންސަރުންނާއި ޕާރޓަނަރުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ޙަރަކާތް ބޭއްވުމަށް ރަފީ ޖަމިއްޔާއަށް ކުރެއްވި އިތުބާރު ނުހަނު އިޙުލާސްތެރިކަމާއި އެކު ބަލައިގަންނަ ކަމުގައި ޑރ.ރަފިއްޔާ ވިދާޅުވިއެވެ.

އޮގަސްޓް މަހުގެ 28 އިން 31 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގައި 25 ޤައުމަކުން 150 ޒުވާނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖައްސާފައިވަނީ ޕީސްގެ ދާއިރާއިން ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމުގައިވާ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދުއެވެ.

ރަފީ ޖަމިއްޔާގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ޖީ.ވައި.ޕީ.އޭ ޕްރޮގްރާމުގެ ތެރެއިން ތަމްރީނުވާ ހުރިހާ ޒުވާނުންވެސް ކަނޑައެޅިގެންދާނީ އެޒުވާނެއްގެ ޤައުމުގައި ޕީސް އަށް މަސައްކަތްކުރާ ޕީސް އެމްބެސެޑަރެއްގެ ގޮތުގައެވެ. އެހެންކަމުން މިޕްރޮގްރާމުގެ އެންމެ އިސްކަމެއްދީފައިވާނީ ޕްރޮގްރާމުގެ ބައިތައް ނަގާދެއްވާ ބޭފުޅުން ކަނޑައެޅުމުގައި ކަން އެޖަމިއްޔާއިން ފާހަގަކުރެއެވެ. އެގޮތުން ރާއްޖޭގެ އިތުރުން 6 ގައުމަކުން ތަޖުރިބާކާރު ލެކްޗަރަރސް ބައިވެރިވާނެކަމުގައި އެޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުންވެސް މިޕްރޮގްރާމުގެ ތެރޭގައި “ސްނޯކްލް ފޯރ ގްލޯބަލް ޕީސް – އައި އޭމް ޕީސް ވިތް މެރިން ލައިފް، ސްޓޮޕް ލިޓަރރިންގ” ގެ ނަމުގައި ސްނޯކްލިންގ ސެޝަންއަކާއި “ގްލޯބަލް ޔޫތް ޕީސް ވޯކް”ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. ރާފީއިން މައުލޫމާތު ދެއްވާ ގޮތުގައި ވަކި އުމުރުފުރާއެއް ނެތި، ކޮންމެ މީހަކަށްވެސް ބައިވެރިވޭގޮތަށް ހުޅުމާލޭގައި ކުރިޔަށްދާ މިހިނގާލުމުގައި ބައިވެރިވުމުގެ ފުރުސަތު 5 އޮގަސްޓާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.