English Edition
Dhivehi Edition

އެމަސް ދިޔައީ ނުހަނު ހަމަހިމޭން ކަމާއެކުގައެވެ. ނޫރާއާ މަންދިޔެގެ ދެމެދުގައި ފެށުނު ވާހަކަތައް އެހާ ހިސާބުން ނިމި އިސާހިތަކު އެ ނުތަނަވަސްކަން ވެސް ފިލައިގެން ހިނގައްޖެއެވެ. ގޭގައި އެހެނިހެންވެސް މަހެކޭ އެއްގޮތަށް ދުވާލު އޮންނަނީގޭގައި ޖެހޭ އާދައިގެ މަސައްކަތެވެ. ކައްކަން ޖެހެނީ ރޭގަނޑަކަމުން މުޅި މެންދުރުފަސް އެކުގައި ދެބޫނުން ކެއްކުމުގައިއާއި އިރުއޮއްސޭ ގަޑިއަށް ހެދިކާ ހެދުމުގައި ހޭދަކުރެއެވެ. ވަކީން ޚާއްސަކޮށް އެގޭގައި އިރުއޮއްސޭ ގަޑިއަށް ފަތުލީ ފޮޅި އަޅައެވެ. އެއީ ނޫރާ ވަރަށް މީރުކޮށް ހަދާ އެއްޗެކެވެ. ނޫރާއަށް ދަސްވީ އޭނާގެ މަންމަގެ ފަރާތުންނެވެ.

ބޮޑުބެ ގިނަ ވަގުތު ހޭދަ ކުރަނީ ގޭގައެވެ. މިސްކިތުން އައިސް ގުރުއާން ކިޔެވުމާއި އެބާވަތުގެ ކަންތަކުގައެވެ. ބޭރަށް ދަނީ މަސް ދޯނިފަހަރު ލެފުމުން މަސް ހޯދުމަށެވެ. ބައެއް ރޭރޭ ރައްޓެހީންނަށް ރޯދަ ވީއްލުމަށް ދައުވަތު ދެއެވެ. ވަކީން ޚާއްސަކޮށް ނަސީމަށާއި އޭނާގެ ރައްޓެހިން ނަށެވެ. މަދުރެއެއް ފިޔަވައި ހުރިހާ ރެއަކުވެސް ތަރާވީހު ގަޑީގައި ނަސީމު ވަދެލައެވެ. އެހެންނަމަވެސް ނޫރާއުޅެނީ ބަދިގޭގައި އަވަދި ނެތިއެވެ. ބޮޑުބެއާއި އަދި ރައްޓެހިންނާއެކު ވާހަކަ ދައްކަން އިނދެފައި ދަނީއެވެ. ކުރުބާ ފެނާއި ހެދިކާ ފަދަ އެއްޗެއް ކޮންމެ ރެއަކުވެސް ނޫރާ އޭނައަށާއި ދެން އަންނަ މިހުންނަށް ގެނެސް ދީ ހަދައެވެ. އެހެންނަމަވެސް ފަހަކަށް އައިސް ނޫރާ ނަސީމަކާ ވާހަކައެއް ދައްކާ ހަތަރުކަޅި ހަމަކޮށް ހަދާ ތަނެއް ނުފެނެއެވެ.

މިކަމާ އެއްފަހަރަކު ނަސީމު ބޮޑުބެއާ ވާހަކަ ދެކެވުނެވެ.

“އެއީ އެހެންވާ ކަމެއް ނޫން.” ބޮޑުބެ ނަސީމަށް ޔަގީންކަން ދިނެވެ.

“ގިނަފަހަރު އިންނަން އުޅޭ ކުއްޖާ ހުންނާނީ ކޮންމެވެސް ވަރަކަށް ލަދުގެންފައި. އިނީމާ ހުރިހާ ކަމެއްވެސް ވެސް ހަމަޖެހިދާނެ.”

އެއީ ބޮޑުބެގެ ޖަވާބު ހުރި ގޮތެވެ. އެހެންނަމަވެސް މިކަމަކީ ނަސީމަކަށް މާ ހިތްހަމަ ޖެހޭ ކަމަށަށް ނުވިއެވެ. އޭނާ ބޭނުން ވަނީ އޭނާ އައިސް އިންނަ އިރު އޭނާގެ ގާތުގައި ނޫރާވެސް އިނުމަށެވެ. ކާވެނި ކުރެވޭނެ ރެއެއް ކަނޑައެޅިފައިވާތީ އެކަން އަވަސްކުރާކަށް ކޮންމެހެންނެއް ނޫޅެއެވެ. އެއީ އޭނާ އެންމެ ހިތް އެދޭކަންތައް ކަމުގައި ވިޔަސްވެސް ވެސް މެއެވެ. މިކަމަށް ވެސް ހައްލެއް ހޯދުމަށް މުދިންބެ ގާތަށް ދާން އެބަ ޖެހެހެވެ. ކޮންމެ މަހަކު އޭނާގެ އަތުން އައްޔުސޮރު 3 ޕައުންޑު އަތުލައެވެ. އެކަމަކު ދުވަހެއް ދުވަހަކަށް ނޫރާ ދަނީ އޭނާއާ ދުރަށޭ އޭނާގެ ހިތަށް އަރަމުން ދެއެވެ.

ޗެޕްޓަރ 9

ފަންޑިތައިގެ އަސަރު

އެއީ ވެސް ކަޅު ފޮއިރެއެކެވެ. ވިއްސާރަ ދުއްޕާން ރެއެއްވެސް މެއެކެވެ. ކަޅުބިތު މިސްކިތު ފަޅިއަށް އަލިކަމެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ރޭގަނޑު ބައްތިއެއްގެ އަލި އެހިސާބުން ފެންނަން ހުންނަނީވެސް މުދިންބެގޭގައި ބައްތި އެއް ދިއްލާފައި ހުރިނަމައެވެ. އައްޔު ސޮރު ނިދަން ނާންނަތާ ދުވަސްކޮޅެއް ފަހުން އެރޭ އައިސް ވަދެއްޖެއެވެ. އޭރަކު މުދިންބެ ގެޔަކު ނެތެވެ. ގޭގެ ދޮރު ގޯނި ދޮރުފަތެއް ހުއްޓަކަސް އެދޮރު ތަޅުލާފައެއް ނުހުރެއެވެ. ގެޔަށް ވަންނާނެ މީހަކު ނުހުންނާނެއެވެ. ވައްކަމެއް ކުރަން ވަނުމުގެ ބޭނުމެއް ނޯންނާނެކަން އެންމެނަށް ވެސް އެނގެއެވެ. އެހެން ނޫނަސް ރޭގަނޑެއްގެ ދަންވަރަކު އެގެޔަކަށް އަންނާ ނެ މީހަކު ނުހުންނާނެއެވެ. އަންނާކަށް ނުވެސް ކެރޭނެ މެއެވެ.

މުދިން ބެ އެހިސާބު ބޭރުގައި ހެލިފެލިވާނެކަން އައްޔު ސޮރަށް އެނގެއެވެ. މިރޭ އައްޔު ސޮރު ހުރީ މުދިންބެ ކުރާ ކަމެއް ބަލާ ހިތުންނެވެ. އެއީ ނަސީމު މުދިންބެ ގާތަށް އައިކަން އޭނައަށް އޮތީ އެނގިފައެވެ. އަދި އޭނައަށް މަހުން މަހަށް ލާރި ދޭވާހަކަޔާއި މިހުރިހާ އެއްޗެއް މުދިންބެއަށް އޮތީ ކިޔާ ދީފައެވެ. މުދިންބެ އެކަމާ ހުރަހެއް އަޅައިފިއްޔާ އެއީ އައްޔުއަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. މިހާރު އޭނާއަށް ރީތި ގަމީހާހި ޒަމާނީ ކުދިން ލާފަދަ ފަޓުލޫނު ލިބެއެވެ. އަދި އޭގެ އިތުރުން އޭނާ ބޭނުންވަރަކަށް ސިގްރެޓް ގަނެވެއެވެ. މިހާރު އޭނައަށް ބައެއް އަންހެން ކުދީން ރުހުމުގެ ލޮލުން ބަލަން ވެސް ފަށައިފިއެވެ. އެހެންނަމަވެސް އޭނާގެ ލޮލަށް އެންމެ ކުލަގަދަކޮށް ފެންނަނީ ނޫރާއެވެ. އޭނާ ހާސިލްވާނެ ގޮތެއް އޭނައަށް އޮންނާނީ ހަމަ އެކަނި މުދިންބޭގެ އެހީގައެވެ. އޭނާ ނަސީމަށް ހަދައިދޭ ފަންޑިތަ އޭނާގެ މައްޗަށް އަނބުރުވާލައިގެންނެވެ.

އޭނާ އެގެއަށް އެރޭ އައީވެސް މުދިންބޭ އޭނާ ބުނާ ކަމެއް ކޮށްދޭނެކަން ޔަގީން ކަން އޮތީމައެވެ. މުދިންބެއަށް އެނޫން ގޮތަކަށް އެއްކަމެއްވެސް ކުރަން ނުކެރޭނެކަން އޭނާއަށް އެނގެއެވެ.

މުދިންބެ ގެޔަށް އައިސް ވަން އިރު މެންދަމުން އަނބުރާ ތިނެއް ޖަހަން ކައިރިވަނީއެވެ. އޭނާ އެގެނައި އެއްޗަކުން އާދައިގެ މަތިން ބަދިގެއަށް ވަދެ އެ ހަދާ އެއްޗެއް ހަދާފައި އުނދުން މައްޗަށް އުދައިފިއެވެ. ފަތިސް ދަމަށްވާއިރަށް އެ ކެއްކި އެއްޗެއް ފުޅިއަކަށް އެޅުމަށް ފަހު ބާކީ ހުރި ކުނިވަސް ދުވާ އެއްޗެހި ގެންގޮސް އުދެއްޔަކުން ކޮނެ ވަޅުލާފައި ފަސްއލާފައި އަތުވެއްޖެއެވެ. އޭނާ ބެހެއްޓި ފުޅި ބެހެއްޓިތަން އައްޔު ސޮރު ބަލަން އޮތެވެ.

އީދުގެ ދުވަސްތައް ދިޔައީ ކުލަ މަޑުކޮށެވެ. ކޮންމެވެސް ވަރަކަށް އެކި ދެތިން ތަންތަނުގައި ޒުވާން ކުދިންގެ ފުޓްބޯޅަ ކުޅުމާއި މަންޑި ކުޅުން އޮތެވެ. ސްކޫލު ކުދީންގެ ކުޅިވަރުގެ ރޭހެއް އީދާ ދިމާކޮށް އޮތެވެ. އެހެންނަމަވެސް ރޭގަނޑު ތައް ފޯރިގަދައެވެ. ފިނި ބުރު ޖަހަން ދިއުން ބައިސްކޯފަށް ދިއުން މަރަދޫ ކާނިވަލަށް ދިއުންފަދަ ހަރަކާތްތައް ވަރަށް ގިނައެވެ.

މިފަހަރު އީދު ދުވަސްތަކާ ދިމާވީ ގަމުގެ ދިގު ހަފްތާ ބަންދަކާއެވެ. އެއީ ހުކުރު ހޮނިހިރު އާދީއްތަ މި ތިން ދުވަހެވެ. އެހެން ކަމުން އެންމެ ގިނަ ބަޔަކަށް ވެސް އެއްތަނުން އަނެއްތަނަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށް ރައްޓެހިންނާ ބައްދަލު ކުރަން އަންނާނެ ފުރުސަތު ލިބުނެވެ.

މި ދުވަސްކޮޅުޝައިމަން ވެސް އަނެއްކާވެސް ހިތަދުއަށް އަތުވެއްޖެއެވެ. އޭނާ އަތުވެއްޖެއްޔާ އެހެންގެއެއްގައި ހުރުން ބޮޑުބެ އޮންނާނީ މަނާކޮށްފައެވެ. ބޮޑުބެއަކަށް ނޫރާ އާއި މަންދިއގެ ހިތުގައި ރޯވަމުންދާ ލޯބީގެ އަލިފާން ހުޅުގަނޑެއް ނުފެނެއެވެ. ނޫރާއަކީ ބޮޑުބެގެ ބަސްއަހާ ދަރިއެވެ. މަންދިއަކީ ލާނެތްކަމުގެ އިންތިހާއެވެ. އެހެންކަމުން މި ހުރިހާ ކަމެއް ބޮޑުބެއަށް ފެންނަނީ ނުހަނު ހިތްގައިމު ގޮތެއްގައެވެ.

މިފަހަރު އަނެއްކާވެސް ޝައިމަން އައިސް ހުރީ މަސައްކަތެއްގައެވެ. އެއީ ކޯއްޓޭގައި ހަދާ ބިއްލޫރި ރިސޯޓް ހެދުމަށެވެ. މިއީ ނޫރާއަށް ވަރަށް ކަމުދާ ކަމަކަށް ވިއެވެ. އެ ގޭގައި ޝައިމަންގެ ކުރެހުން ގެންގުޅެމުންދާއިރު ނޫރާ ބަލަމުން ދާނީ ދުރުދުރުންނެވެ. އެހެންނަމަވެސް މަންދި އައިސް އެ ކުރެހުމަށް ފާޑު ކިޔާ ޚިޔާލުދީ ހަދައެވެ. މިއީ އެންމެނަށްވެސް މަޖާ ކަމަށް ވެފައިވެއެވެ. އަދި އެންމެ މަޖަލީ މަންދި ބުނާ ގޮތަށް ޝައިމަންގެ ކުރެހުމަށް ބަދަލުތައް ގެންނަ ކަންވެސްމެވެ. މަންދި އެ ރިޒޯޓްއާ ގުޅުވައިގެން ހަދަން ބޭނުންވީ ބިއލްލޫރި ސްވިމިން ޕޫލެކެވެ.

އެއީ އެންމެނަށް ވެސް ވަރަށް ހިތްގައިމު ޚިޔާލަކަށް ވިއެއެވެ. ކޯއްޓޭގެ މޫދުގެ ސާފު ކަމާއެކު އެ ޕޫލުގައި ތިބޭ ބަޔަކަށް ވަށައިގެން އުޅޭ ބިޔަ މަސްތައް ނުހަނު ގާތުން ފެންނާނެތީއެވެ. އަތްލެވޭ ހާ ވެސް ސާފެވެ. އެހެންނަމަވެސް އެމަސްތަކުގެ އުނދަގުލެއް ޕޫލުގައި ތިބޭ ބަޔަކަށް ނުފޯރައެވެ. ޕޫލުގައި ތިބޭ އިރު ހީވާނީ މިތިބެވަނީ ކަނޑުމެދުގައި ހެންނެވެ.

ދެންމަހެއްހާ ދުވަހުގެ ބުރަމަސައްކުން ޖަރުމަންގެ ތަޖްރިބާކާރު ކޮންސްޓރަކްޓަރުންގެ ކުޅަދާނަ ކަމުން ބިއްލޫރި ރިސޯޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމި ހުޅުވަން ކައިރިވަމުން ދިޔައެވެ.

މި ދުވަސްކޮޅުގެ ތެރޭގައި ނަސީމާއި ނޫރަގެ ކާވެނީގެ ތައްޔާރީތައްވެސް ވަމުން ދިޔއެވެ. މިކަމެއް ހިނގަނީ ބޭރު ބޭރުންކަމުން ގޭތެރޭގައި މިއިން ކަމެއް ފާޅުވަމުންނެއް ނުދެއވެ.

ޝައިމަން އެހެންނަމަވެސް ވަރަށް ގާތުން މިކަން ބަލަމުން ދިޔައެވެ. އެހެންނަމަވެސް ސީދާ ސިދާ އެއްވެސް މީހެއް ކުރެންނެއް ނާހައެވެ. ޝައިމަން އާއި ނޫރާ އެކަހެރި ގޮތަކަށް ދިމާ ނުވާ ކަމީ އިއްތިފާގެއް ނޫނެވެ. އެއީ ވަރަށް ވިސްނައިގެން ނޫރާ ޝައިމަންއާ ދުރުގައި އުޅޭތީއެވެ. އަދި ޝައިމަން ކިތަންމެ ހިތް އެދުނަސް އަދި ހިތް ނޭދުނަސް ނޫރާއާ ވާހަކައެއް ދައްކާލުމުގެ އެއްވެސް ފުރުސަތެއް ނުލިބެއެވެ. އެހެން ނޫނަސް އޭނާގެ ކާވެންޏަށް ހުރަހަކަށް ވުމަކީވެސް އޭނާ އެދޭ ކަމެއް ނޫނެވެ.

ޝައިމަންއާ ނޫރާގެ މި ދުރުހެލިކަން ފާޅުވެ ފެންނަން ނޯންނަނީ މަންދި އަބަދު އެ ދެމުގައި ގުޅުން ވާސިލްކޮށްދޭ ރޯލު އަދާ ކުރާ ކަމުންނެވެ. މަންދި ހުންނަ ނަމަ ގޭގައި އޮންނަނީ ހުނުމާއި ސަކަރާތާ މަޖާ މާހައުލެކެވެ.

އައްޔު ސޮރު ކޮންމެވެސް ގޮތަކުން ޝައިމަންއާ ރައްޓެހި ކަމެއް އުފައްދައިގެން އެކި ކަންކަންމުގައި ޝައިމަންގެ ގާތަށް އައިސް އުޅޭތަން މިހާރަކަށް އައިސް ފެންނަމުން ދިޔައެވެ. ހަގީގަތަކީ އޭނާ އެގެޔަށް ވަންނަނީ ނޫރާގެ އަވައިގައެވެ. ކޮންމެވެސް ގޮތަކުން ނޫރާއަށް ފެނި ނުވަތަ ހަތަރު ކަޅި ހަމަކޮށްލެވޭތޯ އޭނާ ބަލަމުން ދެއެވެ. އަދި ލިބޭ ދަނޑިވަޅުގައި ނޫރާގެ ކޮޓަރިއަށް ވެސް ވަދެލައެވެ.

އައްޔު ސޮރު ރީތިވެ އިސްލާހުވެފައި ހުންނަތަން ފެނުމުން ބޮޑުބެވެސް މިހާރު މާބޮޑަކަށް އޭނާ އެގެޔަށް އައިސް އުޅޭތީ އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް މަންދިއަށް މިއަކީ މާ ހިތްހަމަ ޖެހޭ ކަމަކަށް ނުވެއެވެ.

ކާވެނީގެ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ގޭތެރޭގައި ނުތަނަވަސްކަމެއް ފެތުރެމުން ދިޔައެވެ. ނޫރާ މާ ބޮޑަށް ހިކެމުން ދިޔައެވެ. އެންމެ ފަހުން ހުންއައިސްގެން އޭނާ ހޮސްޕިޓަލަށް ގެންދާ ހިސާބަށް ކަންތައް ދިޔައެވެ.

ނޫރާ ބަލިވުން އެއީ ޝައިމަންއަށް ނުތަނަނަސްކަމެއް ލިބުނު ކަމެކެވެ. އޭނާގެ ޚަބަރު މަންދި ކުރެން އޮޅުން ފިލުވަމުންވެސް ގެންދިޔައެވެ. އެއީ މަންދިވެސް ކަންތައް ބޮޑުވި ކަމެކެވެ.

ނޫރާ ގަމުގެ ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެންނަމަވެސް ކުރިއެއްވެސް ޓެސްޓަކުން ވަކި މައްސަލައެއް ސާފެއް ނުވިއެވެ.

އެންމެފަހުން ނޫރާގެ ނިދާ އެނދުގެ ތަންދޮށުން ކުޑަވަރެއްގެ ބޮނޑެއް ފެނުމާ ގުޅިގެން އެކަން ފަންޑިތަވެރި ކަމަކަށް ވެއްޖެއެވެ. އެހެންމަކުން އެކަންތައްވީ ގޭގައި މުޅިން ހިތްދަތިކަމާއި އަނދިރިކަން ފެތުރިގެން ދިޔަ ކަމަކަށެވެ. އެ ދުވަސްވަރާ ދިމާކޮށް ޝައިމަންވެސް ރިސޯޓްގެ ކަންތަކުގައި މުޅީން އެތަނުގައި ވަގުތު ހޭދަކުރަން ޖެހުނީއެވެ. އެހެންކަމުން ގެ ފަޅުކަމުގެ މައްޗަށް އަނެއްކާވެސް އިތުރު ފަޅުކަމެއް ކުރިމަތިވީއެވެ.

ޝައިމަން ނޫރާގެ ކާވެންޏާ ދިމާކޮށް އެގެޔަށް ނައިސް ހުރުމަކީ އޭނާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. އޭނާ ކިތަންމެ ފޮރުވަން އުޅުނަސް އޭނާގެ ހިތުގައި ޝައިމަންއާ މެދު އުފެދިފައި އޮތް ގުޅުން ފޮރުވައެއް ނުލެވޭނެއެވެ. މަންދިޔައކަށްވެސް އެކަމެއް ސިއްރެއް ނުވާނެއެވެ. ޝައިމަންގެ ކުރިމަތީގައި އޭނާ އެކާވެންޏަށް ރުހޭ ބަސް ބުނާކަށް އޭނާގެ ދުލަކަށް ހަރަކާތެއް ނުގެނެވޭނެއެވެ. އޭނގެ ތުންފަތް މައްޗަށް ހިތްހަމަޖެހުމެއް ވެސް ނާންނާނެއެވެ. ހިނިތުމެއް ނުމެވެވޭނެ މެއެވެ.

-ނުނިމޭ-