އައްޑޫސިޓީގައި އެންމެ ފުރަތަމަ ފަހަރަށް ބާއްވާ “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019ގެ މީޑިއާ ޕާޓްނަރަކަށް އޭއޯ ނިއުސް ހަމަޖައްސައިފިއެވެ.
އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް އީކުއޭޓަރ ވިލެޖްގައި ބާއްވާ މި އެކްސްޕޯއަކީ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަަށް ގެންދާ އެކްސްޕޯއެކެވެ.
އެކްސްޕޯ ކުރިއަށް ދާއިރު ވިޔަފާރި ފޯރަމަކާއި އަދި ޕެނެލް ޑިސްކަޝަން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 4 ދާއިރާއަކަށް ފޯކަސް ކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ ފައިނެންސް، ޓްރޭޑް، ސިއްޙީ ދާއިރާ އަދި ޓޫރިޒަމެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ މަގްޞަދުގައި ބާއްވާ މި އެކްސްޕޯގައި ބައިވެރިވުމަށް ބޮޑެތި ވިޔަފާވެރިންނަށާއި ނޫސްވެރިންނަށާއި ޓްރެވެލް އެޖެންޓުންނަށާއި ޓްރަވެލް ބްލޮގަރުންނަށާއި ބޭރުގެ ޓީވީ ޗެނަލްތަކަށާއި ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލް ތަކާއި ސެލެބްރިޓީންނަށް ވަނީ ދައުވަތު ދީފައެވެ.
ޖުމުލަ ސާޅީސް އެގްޒިބިޓަރުންނަށް މި އެކްސްޕޯގައި ބައިވެރި ވުމަށް ފުރުޞަތު ދެވޭއިރު 10 އިންސައްތަ އެގްޒިބިޓަރުންނަކީ ބޭރުގެ އެގްޒިބިޓަރުން ކަމުގައި ވާނެކަމަށް އެކްސްޕޯ އިންތިޒާމް ކުރާ ޓައިޓޭން މޯލްޑިވްސް އިން ބުނެއެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިވްއަވޭ ގިފްޓްސް ގެ ގޮތުގައި އަގުބޮޑު އިނާމުތައްވެސް ހުށަހަޅާފައިވާ ކަމަށްވެސް ޓައިޓޭން މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ޒީނަތު ޙަސަން ވިދާޅުވިއެވެ.
މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އާއި ޓައިޓެން މޯލްޑިވްސް އާއި އެކު ހެދިފައިވާ ޕާޓްނަރޝިޕްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން 10 ފަރާތަކަށް ޚާއްޞަ ރޭޓަކާއެކު މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ.
އައްޑޫސިޓީގައި ބާއްވާ މި އެކްސްޕޯގައި، މެހުމާނުންނާއި އެގްޒިބިޓަރުން ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭއިރު މި އެކްސްޕޯ ވެގެންދާނީ ސްޕޮންސަރުންނަށާއި އެގްޒިބިޓަރުންނަށް ، ވިޔަފާރިތަކާއި ޕްރޮޑަކްޓްސްތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމުއި ކަމަށް އެކްސްޕޯ އިންތިޒާމު ކުރާފަރާތުން ދެކެއެވެ.
މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި އައްޑޫސިޓީ، ވިޔަފާރީގެ ގޮތުން ގުޅި މާލެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ބްރޭންޑްތަކަށް އައްޑޫގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތު ތަކަކީ ކޮބައިކަން އެނގި ވިޔަފާރިތައް ގުޅުވައިލުމަށް މަގުފަހިވެގެންދާނެ ފުރުސަތެއްގެ ގޮތުގައި އިވެންޓް އިންތިޒާމުކުރާ ފަރާތުން ދެކެއެވެ.