English Edition
Dhivehi Edition
ހުޅުމީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަލަށް ފޮނުވި އިންޖީނު

މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ހުޅުމީދޫ އަށް ދިމާވަމުން ދިޔަ ކަރަންްޓް ކެނޑުމުގެ މައްސަލަ މިއަދު ހަވީރަށް ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބްރާންޗުން ބުނެފިއެވެ.

ހުޅުދޫ އަދި މީދޫ އަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އައި އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން 2 ރަށުން އިރު އިރުކޮޅާ ކަރަންޓް ކެނޑެމުން ދާތާ 3 ދުވަސް ވެފައިވާއިރު ދެރަށުގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުޅުދޫ އާއި މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް މީގެ ދުވަސްކޮޅެއް ކުރިން ފޮނުވި އިންޖީނު ވަނީ ހިތަދޫ އަށް ގެންގޮސްފައެވެ. އަދި މިހާރު800 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް އެރަށަށް ވަނީ ފޮނުވާފައެވެ. ނަމަވެސް އެ އިންޖީނު އަދި އިންސްޓޯލެއް ނުކުރެ އެވެ. ފެނަކަ އިން ބުނި ގޮތުގައި އަލަށް ގެންދިޔަ އިންޖީނު ވަރަށް އަވަހަށް އިންސްޓޯލްކޮށް ބޭނުން ކުރަން ފަށާނެ އެވެ.

ހުޅުމީދޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާއި ގުޅިގެން 2 ރަށުގައިވެސް އެއްވެސް މަގުބައްތިއެއް ނުދިއްލާތާ މިހާރު ވަނީ 3 ދުވަސް ވެފައެވެ. އަދި އެކި ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެމުންދާތީ އިންޓަނެޓާއި ކޭބަލްޓީވީ ބޭނުންކުރުމުގައި ދެ ރަށުގެ ރައްޔިތުންނަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ އައްޑުއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އެއްވެސް ސަރުކާރަކުން ހައްލުކޮށްދެވިފައި ނުވާ ކަމަށާއި މި ސަރުކާރުން ވެސް މި ކަން ކުރެވޭނެ ކަމާ މެދު ޝައްކު ކަމަށެވެ.