ސުޕްރީމްކޯޓުގެ 3 ފަނޑިޔާރުންނަށް ނަސޭހަތް ދޭން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ނަސޭހަތް ދޭން ނިންމައިފައިވާ ފަނޑިޔާރުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވަ އެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ދެން ޖޭއެސްސީން ނަސޭހަތް ދޭން ނިންމި ފަނޑިޔާރުންނަކީ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނޭގޮތަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ބަޔާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މީގެ ކުރިން ނަގައިފަ އެވެ. މި ފަނޑިޔާރުންގެ ބަޔާން ނަގާފައިވަނީ ތިން ފަނޑިޔާރުންނާ ގުޅޭ ދެ ޝަކުވާއެއް ޖޭއެސްސީއިން ބަލަމުން ގެންދާތީއެވެ.
އޮންލައިން ނޫސް “އަވަސް” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖޭއެސްސީގެ ޑިރެކްޓަރު ޙަސަން ޒަހީން އޭރު ވިދާޅުވީ ޝަކުވާއާ ގުޅިގެން ތިން ފަނޑިޔާރުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ ޖުޑިޝަރީ އިސްލާހު ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްތައް ކުރަށްވަމުންނެވެ.
ޖޭއެސްސީން މީގެ ކުރިން ވެސް ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މައްސަލައެއް ބައްލަވާފައެވެ.