English Edition
Dhivehi Edition

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ދޮގު މައުލޫމާތު ދިން މައްސަލަ އިތުރަށް ތަހްގީގް ކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް ފޮނުވަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އަމީން އާންމު ނިއުޝާ މިހެން ވިދާޅުވެފައިވާ މި ދިޔަ ހަފްތާގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރުގެ ވެރިޔަކު ވިޔަސް މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލިހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެއް ކަމަށާއި އަދި އެ ކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލުން ދޮގު ހެދިކަމާމެދު ޝައްކު އުފެދިފައި ވަނީ އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ އިސްވެރިން ދެއްކި ވާހަކަތައް ދޮގުކޮށް ނީޒާ ނެރުއްވި ބަޔާނާއި ގުޅިގެންނެވެ.

ރައްޔަތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައެވެ. އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުތަކަށް ގިނައަދަދެއްގެ ފައިސާ ވަންނާތީ އެކަން ރިޕޯޓު ކުރުމުގެ ގޮތުން ޝައްކު ކުރެވޭ ކަންކަން ހުރުމުން އެސްއޯއެފުގެ އެކައުންޓުތައް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށެވެ. އެކަމަކު އެގޮތަށް އެކައުންޓު ފްރީޒު ކުރުމުގެ ބާރު ބޭންކަށް ލިބިގެން ނުވާ ކަމަށް އެފްއައިޔޫ އާއެކު” ފޯނުން ކުރި މަޝްވަރާތަކުގައި” އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު، އެފްއައިޔޫ ގެ ވެރިން ފާހަގަކުރި ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްއިން ބުނެފައިވަނީ އެސްއޯއެފުން ބޮޑެތި އަދަދުތަކުން ކުރަމުން ދިޔަ މުއާމަލާތްތަކާއި މެދު ޝައްކު އުފެދި، މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް “ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު” (އެސްޓީއާރް) ފޮނުވި ކަމަށެވެ.

އެގޮތަށް އެންގެވި އެފްއައިޔޫގެ ވެރިންގެ ނަންތައް ހާމަކުރެއްވުމަށް މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ޝަރީފު (މަވޯޓާ) އެދިވަޑައިގެންނެވުމުން ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކުރޫގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް “ދޮގު މައުލޫމާތުު” ދިނުމަކީ ގާނޫނީ ކުށެކެވެ.