English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އަށް އުފަން ސ.މީދޫ ރޯނުގެ އާމިނަތު ހަސަން(އާމިންދިޔަ) އަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓަމުން އައި ހިތްވަރުގަދަ އަންހެނެކެވެ. އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި މަޝްއޫލުވެ އުޅެމުންދިޔަ އާމިންދިޔަގެ ހިތްވަރުގަދަ ދިރިއުޅުން ހުއްޓުމަކަށް އައީ މިދިޔަ ރޯދަމަހު ކުއްލިއަކަށް މާބޮޑަށް ވަރުބަލިވެ އަބަދު ކެއްސަން ފެށުމުންނެވެ. ކުރިންގެ ހިތުގެ މައްސަލަ ހުރުމުގެ ސަބަބުން ހިތުގައި ހޮޅިކޮޅެއް ނުވަތަ “ޝަންޓް” އެއްލެއްވުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ އޭރު އާމިންދިޔަ ދިޔައީ މި ހޮޅިކޮޅު ލެއްވުމަށްކުރަންޖެހޭ އޮޕަރޭޝަނަށްވެސް ތައްޔާރުވަމުންނެވެ.

ޑޮކްޓަރުންގެ ލަފަޔާއެކު އާމިންދިޔަ ހިތުގެ އޮޕަރޭޝަންކުރުމަށް މިދިޔަ ޖޫން މަހު މާލެ ދިޔައީ އޭނާގެ ދަރިއަކާއެކުގައެވެ. “ކުރީ ފަހަރު މާލެ ގޮސް ޓެސްޓުތައްވެސް ހަދާފަ ، އޮޕަރޭޝަންކުރާނެ ތާރީހެއް އަންގަންދެން ރަށުގައި މަޑުކުރީ. އޭރުވެސް ވަރަށް ބަލިކޮށް އުޅެނީ. އަބަދު ކެއްސާފަ ވަރުބަލިވާތީ އުޅެނީ. ދެން އޭރު ހީކުރެވުނީ ހިތުގެ މައްސަލަ ހުރީމަކަމަށް އެ ގޮތަށްވަނީ.”އާއިލާގެ ފަރާތުން ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުންޏެވެ. 23 ވަނަ ދުވަހު އާމިންދިޔަގެ ހިތުގެ އޮޕަރޭޝަންކުރުމަށް ތިއޭޓަރަށްވެސް ވެއްދިއެވެ. އެހެންނަމަވެސް ހުންގަދަވެ، ލޭ މަތިވުމުގެ ސަބަބުން އެ ދުވަހުވެސް އޮަޕަރޭޝަން ކުރެވޭ ގޮތެއް ނުވިއެވެ.”ހުންގަދަ ކަމުން އޮޕަރޭޝަން ނުކުރެވުނު. ދެން އައިޖީއެމްއެޗްގަ އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔައީ. 26 ވަނަ ދުވަހު ގެއަށް ދޫކޮށްލީ 29 ވަނަ ދުވަހު އަނެއްކާވެސް އޮޕަރޭޝަންކުރުމަށް ހަދަންޖެހޭ ޓެސްޓުތައްވެސް ހެދުމަށްފަހު”

އެހެންނަމަވެސް އެ ޓެސްޓުތަކުގެ ނަތީޖާއާއި އެކު އެ އާއިލާއަށް ލިބިގެން ދިޔައީ އަނެއްކާވެސް ބޮޑު ހިތާމައެކެވެ. ހިތުގެ އޮޕަރޭޝަނެއް ކުރަން މާލެ ދިޔަ އާމިންދިޔަ ގެ ފުއްޕާމޭ ހަލާކުވެ ކެންސަރު ޖެހިފައިވާކަން އެގުން ވެގެންދިޔައީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަކަމަކަމަށެވެ. “އެހާ ހިސާބުން ކުރަން ދިޔަ އޮޕަރޭޝަންވެސް ނުކުރެވުނު. ކެންސަރ ހުރިކަން އެގުމުން ޑޮކްޓަރުންނަށްވެސް ލިބުނީ ހައިރާންކަމެއް. އޭގެ ކުރިން ހެދި އެއްވެސް ޓެސްޓަކުން ބަލީގެ އެއްވެސް ނިޝާނެއް ނުފެނި ކުއްލިއަކަށް އެކަން އެގުމުން ޑޮކްޓަރު ވިދާޅުވީ ދެން ހިތުގެ އޮޕަރޭޝަންވެސް ނުކުރެވޭނެ ވާހަކަ. އަދި ކެންސަރުޖެހިފައިވާކަން މަންމައަށް ސިއްރުކުރަމަށްވެސް ޑޮކްޓަރ ލަފާދެއްވި. ސަބަބަކީ ހިތުގެ މައްސަލަ ހުރުމުން ކުއްލިއަކަށް އެހެން ބައްޔެއް ހުރިކަން އެގުމުން އެކަމަށް ކެތްކުރުން އުދަގޫވެގެންދާނެތީ. އަދި ހިތުގެ މައްސަލަ ހުރުމުން ބާރުގަދަ އެއްވެސް ބޭހެއްވެސް ބޭނުން ކުރެވޭކަށް ނެތް. އެންމެ ކުޑަމިނުން ތަދުކަޑުވާލަންވެސް ބޭސްގުޅައެއް ބޭނުންކުރެވޭކަށް ނެތް” އާމިންދިޔަ ކުރަން ދިޔަ އޮޕަރޭޝަންވެސް ނުކޮށް އެބުރި ރަށަށް އައި އިރުވެސް ބައްޔާއި ބެހޭ ގޮތުން އާއިލާއިން، އޭނާއަށް އެއްވެސް ވާހަކައެއް ނާންގައެވެ.

އާމިންދިޔަގެ ހިތުގެ މައްސަލަ ހުރުމުގެ ސަބަބުން ކެންސަރު ބައްޔަށް އެއްވެސް ފަރުވާއެއް ނުކުރެވޭނެކަމަށް ޑޮކްޓަރުން ބުނެފައިވީ ނަމަވެސް އާއިލާއިން އުއްމީދު ކަޑައެއް ނުލައެވެ. މި ގޮތުން މި މަހު ހުޅުމާލެ ހޮސްފިޓަލަށް އައި އިންޑިއާގެ ކެންސާރުބަލީގެ ޓީމަކަށް އާމިންދިޔަ ވަނީ ދައްކާފައެވެ. އަދި އެ ޓީމުން އާމިންދިޔަ ބެލުމަށްފަހު ލަފާދެއްވީ ރާއްޖެއިން ބޭރަށް ގެން ދިއުމަށެވެ. “މިހާރު ވަރަށް ގިނަ ޓެސްޓުތައް ރާއްޖެއިން ނެހެދޭ. އެހެންކަމުން އިންޑިއާ ގެންގޮސް ޓެސްޓުތައް ހަދާ ދެވޭނެ ފަރުވާ އަކީ ކޮބައިތޯ ބެލުމަށްބޭނުންވޭ. މިކަމަށް އިންޑިއާގަ ހޭދަވާނީ ކިހާ މުއްދަތެއްކަމެއް ނޭގޭ”

އިންޑިއާގައި މަޑު ކުރަންޖެހޭ ސިދާ ވަކި މުއްދަތެއް ނޭގޭއިރު އެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން އާއިލާއިންވަނީ ތިޔަ އެންމެހާއި ބޭފުޅުންގެ ދީލަތި އެހީއަކަށް ނުހަނު ބޭނުންވެފައެވެ.
އާމިންދިޔަގެ ބަލި ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކޮށް، އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އާމިންދިޔަގެ ދަރިފުޅު ފާތުމަތު ހަބީބާ ފޯން ނަމްބަރު7953320 އަށް ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުމަށް އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް ރުފިޔާ އެކައުންޓް ނަމްބަރު 7716382533101(ފާތިމަތު ދީދީ)ގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.
މާތް ﷲ އާމިންދިޔަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

މާތްﷲ ގެ ހައްޤުގައި ހޭދަކުރެވޭ އެންމެ ލާރިއަކީވެސް ބޭކާރުވެގެން ދާނެ ލާރިއެއް ނޫންކަން ޔަގީނެވެ.