ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު، ގެއަކަށް ވަދެ ހިންގި އޮޕްރޭޝަންގައި މީހަކަށް އަނިޔާ ކުރި މައްސަލަގައި އެއްވެސް ފުލުހަކާ މެދު ނާއިންސާފުން އަމަލު ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ހިންގި މި އޮޕަރޭޝަންގައި ފުލުހުންގެ ބަޔަކު، ގެއަކަށް ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ މީސްމީޑިޔާގައި އާއްމުވެފައެވެ.
މިވީޑިއޯއާއެކު ޕޮލިސް ކޮމިޝަނަރު ވަނީ އެވީޑިއޯއިން ފެންނަ ފުލުހުން ސަސްޕެންޑްކޮށްފައެވެ. އަދި ހަތް ފުލުހަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ރޭގައި ފުލުހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އަދި އެމައްސަލައާ ގުޅިގެން 30 މިނެޓުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ހަމީދު ފިޔަވަޅު އެޅުއްވި ކަމަށާއި ލަސްނުވެ ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގެވި ކަމަށް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މި އޮޕަރޭޝަން ގައި ހަރަކާތްތެރިވި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ސަސްޕެންޑް ކުރުމާއި ގުޅިގެން ބައެއް ފުލުހުން އެކަމާ މެދު ހިތްހަމަނުޖެހި ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި “ޑީއީޑީ” ނުވަތަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއެކު ތިބިކަން ބުނެފައިވެއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މިމީހާ ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާކުރުމާއި ގުޅިގެން ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. މި މައްސަލައިގައި ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުންވަނީ އެދިފައެވެ.