English Edition
Dhivehi Edition

ބާ ކައުންސިލްގެ އިންތިޚާބު ބާއްވާ ދުވަސް މާދަމާ ޢިއުލަނުކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ހާމަކޮށްފިއެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ ބާ ކައުންސިލުގެ އިންތިޚާބުގެ އުސޫލުތައް ކަނޑައެޅުމާ މެދު ބަނޑާރަ ނައިބާއި މަޝްވަރާކުރައްވާފައިވާކަމަށެވެ.

އަކްރަމް ވިދާޅުވީ ވަކީލުކަންކުރައްވާ ވަކީލުންގެ ލިސްޓު ހޯދުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާކަމަށާއި ސުޕްރިމްކޯޓުން ލިސްޓު ޢާއްމުކުރެއްވުމާއެކު ލިސްޓު ޢާއްމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާނެކަމަށެވެ.

ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.

ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުންނެވެ.

ބާ ކައުންސިލް އުފައްދައި، “ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައި ވަނީ ފާއިތުވި ބުރާސްފަތި ދުވަހު އެވެ.