އައްޑޫސިޓީއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފަދަ ތަކެތި ބޭނުން ނުކުރާ ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި “ސްވިޗް” ޕްރޮގްރާމު ލޯންޗްކޮށްފިއެވެ.
މި އަދު ހެނދުނު ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމު ލޯންޗްކޮށްދެއްވެވީ މިނިސްޓަރ އޮފް ސްޕޯޓްސް ،ޔޫތް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަހުލޫފެވެ.
“ސްވިޗް” ކެމްޕެއިނަކީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “މައިބޭގް ” ޕްރޮގްރާމުގައި ބޭނުންކުރާ ޝިއާރެވެ.
ސްކީމް އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ، އަންނަ އަހަރުން ފެށިގެން އައްޑޫގައި ބޭނުންކުރުން ހުއްޓާލުމުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައި އެކަމާ ގުޅޭ ގޮތުން ގަރާރެއް ނެރުމާ ގުޅިގެން ފެށި މަސައްކަތެކެވެ. ސްކީމުން ވަނީ މި ކެމްޕެއިން ދެކުނުގެ 4 އަތޮޅުގައި ވެސް ފަށާގޮތަށް ހަމަޖައްސާފައެވެ.
ސްވިޗް ޕްރޮގްރާމަކީ 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެންމެ ފުރަތަމަ ފިޔަވަހީގައި ފޮތި ކޮތަޅު ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ޓީމް މަސައްކަތެއްގެ ގޮތުގައި އެންމެން އެއްތަނެއްގައި ތިބެގެން މަސައްކަތް ކޮށް އެއްފެންވަރެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދީ މަސައްކަތުގެ ތެރެއަށް މީހުން ވެއްދުމެވެ.
ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ތަމްރީން ވި ބައިވެރިންނާއެކު އެންމެން އެއްތަނެއްގައި ތިބެގެންކޮތަޅު ފެހުމުގެ މަސައްކަތް ކޮށް ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް އެތަކެތި ސަޕްލައި ކޮށްދެވޭނެއެވެ. އަދި ވިޔަފާރިވެރިންނާ ގުޅިގެން ޕްލާސްޓިކް މަދުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަމަށް މަސައްކަތް ކުރުމެވެ.
ތިންވަނަ ފިޔަވައްސެއްގެ ގޮތުގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާ ބެހޭގޮތުން ތަފާތު މުއައްސަސާތައް ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ހިންގައި ދެކުނުގެ ހަތަރު އަތޮޅުގައި ފޯރިގަދަ ކެމްޕެއިނަކާއެކު މައިބޭގް ބޭނުންކުރުމަށް ފެށުމެވެ.
އައްޑޫސިޓީއިން ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އައްޑުއަކީ ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުން ނުކުރާ ސިޓީއަކަށް ހެދުމަށް ނިންމާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ އައްޑޫސިޓީއަކީ ނަމޫނާ އެއްކަމަށް ބަލައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކުން ވެސް މިފަދަ ކެމްޕެއިނެއް ފެށުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. އަދި މިއަދު ފެށިގެން މިދިޔަ ޕްރޮގްރާމަށް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދެއްވަވާނެ ކަަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ސްވިޗް ކެމްޕެއިންގެ ނަމޫނާ ބޭގެެއް މިނިސްޓަރ އަށް ހަދިޔާ ކުރައްވަވާފައެވެ. މި ބޭގް މިނިސްޓަރ އަށް ހަދިޔާ ކުރެއްވެވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގެވެ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ އައްޑުއަކީ ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުން ނުކުރާ ސިޓީއަކަށް ހެދުމަށް ނިންމާ ގަރާރެއް ފާސްކުރުމާއެކު ސްކީމްގެ ފަރާތުން އެކަމަށް އެއްބާރުލުން ދެއްވަވައި މި މަސައްކަތުގައި ބައިވެރިވި ކަމަށްޓަކައި މަރުހަބާ ކިޔާކަމަށެވެ. އަދި އައްޑޫގައި ހެދިފައިވާ އެހެން ޖަމިއްޔާ ޖަމިއްޔާތައްވެސް މި މަސައްކަތުގައި ގުޅިގެން އެންމެން އެކީ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ކުރާތަން ފެންނަން ބޭނުންވެލައްވަވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
ސްކީމަކީ ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް ދާދި ފަހުން ރަޖިސްޓްރީ ކޮށްގެން ހިންގަން ފަށާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ.