ސަރުކާރުގެ ކުންފުނިތަކަކީ، ވަރަށް މުހިންމު ދައުރެއް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަދާކުރާ ބައެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަހާސިންތާ 2019 އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޞޯލިޙް ވިދާޅުވެލެއްވެވީ ،ސަރުކާރުގެ ކުންފުނިތަކަކީ، ވަރަށް މުހިންމު ދައުރެއް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަދާކުރާ ބައެއް ކަމަށާއި ، އެއީ ވިޔަފާރީގެ އުޞޫލުން ހިންގާ ކުންފުނިތައް ކަމަށްވިޔަސް، ނުވަތަ ޚިދުމަތްދޭ ކުންފުނިތައް ކަމަށްވިޔަސް، ސަރުކާރުން އެއިން ކޮންމެ ކުންފުންޏެއް އުފައްދާފައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކަކީ، ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ ޙިއްޞާ، އޭގައި އެކުލެވޭގޮތަށް އުފައްދާފައިވާ ކުންފުނިތައް ކަމަށްވާތީ،ކޮންމެ ކުންފުންޏެއްވެސް ވާންޖެހޭނީ ވަރަށް ޒިންމާދާރު، އަދި ރައްޔިތުންނަށް ޖަވާބުދާރީވާ ކުންފުންޏަކަށް ކަމަށާއި، ކޮންމެ ކުންފުންޏެއްވެސް އަބަދުވެސް އޮންނަންވާނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް ރައީސްގެ ވާހަަކަފުޅުގައި ވިދާޅުވެފައި ވެއެވެ.
ކުންފުނި ތަކުގެ އިސްވެރިންނާއި މުޚާޠަބް ކޮށް ރައީސް ދެންނެވީ، ކުންފުނިތަކަކީ، ދިވެހި ރައްޔިތުންގެ ޙިއްޞާ، އޭގައި އެކުލެވިފައި އޮތް ކުންފުނިތަކަކަށްވާތީ،ކުންފުނިތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު، މިހާރަށްވުރެ ބޮޑަށް، ޢާންމު ރައްޔިތުންނާ ޙިއްޞާ ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވެރިން އިސްކަން ދޭންޖެހޭނެ ކަމެއް ކަމުގައެވެ.
މި މަހާސިންތާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ވަނީ ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެ ކަަމަށް އިގުރާރުވެ ވަޑައިގެންފަ އެވެ.