English Edition
Dhivehi Edition

ކޮރަލިއަން ލެބް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ޅ. ވައްވަރުގައި، ޕްރޮފެސަރު ހަސަން އުގައިލް ހިންގަވާ މަރުކަޒު ހުއްޓާލައި އެ ރަށް ސަރުކާރާ ހަވާލުކުރަން އަންގައިފި އެވެ. 21 އަހަރުގެ މުއްދަތަށް ވައްވަރު ނަގައިގެން،2013 ގައި ފެށި ކޮރަލިއަން ލެބްގެ މަސައްކަތް ހުއްޓާލުމަށް ސަރުކާރުން އެންގީ ގަބޫލުކުރެވޭ ފަދަ އެއްވެސް ސަބަބެއް ނެތި ކަމަށް ކޮރަލިއަން ލެބް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު މޫސާ އުގައިލް ވިދާޅުވިއެވެ. ކޮރަލިއަން ލެބް ހުއްޓާލަން އެންގީ ގަވައިދުން ހުށަހަޅަން ޖެހޭ ރިޕޯޓްތައް ހުށަނާޅާތީ ކަމަށް ބުނެއެވެ. ނަމަވެސް މޫސާ ވިދާޅުވީ އީމޭލް މެދުވެރިކޮށް ރިޕޯޓް ހުށަހަޅަމުން ދިޔަ ކަމަށާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓްރީން ރިޕޯޓްތައް ލިބޭ ކަމަށް ވެސް ދިޔައީ އަންގަމުން ކަމަށެވެ ދުނިޔޭގެ ފެންވަރުގެ ހިދުމަތާއި، އާލާތްތަކާއި ތަކެތި ލިބެން ހުރި މި ލެބަކީ އިލްމީ ގޮތުން ކުރިއަރާފައިވާ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގެ ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިންނާއި ޕްރޮފެސަރުން މިހާތަނަށް އެތައް ދިރާސާއެއް ހަދާފައިވާ ތަނެކެވެ. އަދި ވައްވަރު ސެންޓަރު ގާއިމްކުރަން “އެތައް ލައްކަ ޑޮލަރެއް” ވެސް ވަނީ ހޭދަކޮށްފައެވެ. ވައްވަރުގައި ހުރި މަރުކަޒާ ދުނިޔޭގެ 20 ޔުނިވަސިޓީއަކުން ގުޅިފައިވާ އިރު ރާއްޖޭގެ ފަރުތަކާއި މުރަކައާ ބެހޭ އެތައް ދިރާސާއެއް މިހާތަނަށް އެތަނުގައި ވަނީ ކޮށްފައެވެ. އިޖުތިމާއީ މަސައްކަތެއް ގޮތުގައި ހިންގަމުން އަންނަ އެ މަރުކަޒުގައި ހިލޭސާބަހަށް ހިންގި ތަފާތު ޕްރޮގްރާމްތަކުގައި ދިވެހި އެތައް ޒުވާނުންނާއި ދަރިވަރުންނަށް އެ ސައިންސްވެރިންގެ ފަރާތުން ސީދާ މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، އިޓަލީ، އޮސްޓްރޭލިއާ އަދި އެމެރިކާގެ ޔުނިވަސިޓީތަކުގެ ޕްރޮފެސަރުން އެތަނުގައި ހިިިިންގި ތަމްރީންތަކުގައި ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި މައްސަލާގައި ޕްރޮފެސަރު އުގައިލް ވިދާޅުވީ ކުއްލި ގޮތަކަށް އެއްބަސްވުން އުވާލުމުން އެކަމާ ހިތާމަކުރައްވާ ކަމަށާއި މިކަމާ ގުޅިގެން އަދި މިވަގުތު އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާކަމަށެވެ.