English Edition
Dhivehi Edition

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް 05 ޖޫން 2020ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީގައި ބޭނުންކުރުން ހުއްޓާލުމަށް އައްޑޫ ސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.

މިއަދު އެ ކައުންސިލުން ނެރުނު ޤަރާރުގައި ބުނީ މި ޤަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 4/93 )ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު( ގެ 1 ވަނަ މާއްދާއާއި އަދި 2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނެރެފައިވާ ޤަރާރެއްކަމަށެވެ. އަދި މި ޤަރާރުގެ އެންމެ ބޮޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފުއްދުމާއި އެކު އައްޑޫއަކީ ނަލަފެހި ޖަޒީރާވަންތަ ސާފު ސިޓީ އަކަށް ހެދުންކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

01 ޖުލައި 2019 އިން ފެށިގެން އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ އަދި ގާއިމްކުރެވޭ ހުރިހާ ތަޢުލީމީ މުއައްސަސާތަކާއި، އަދި އެހެނިހެން މުއައްސަސާތަކާއި ދައުލަތުގެ ޙިއްސާ އޮންނަ އެންމެހާ ކުންފުނިތަކުން އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލަންޖެހޭކަމަށް ކައުންސިލުންވަނީ ބުނެފައެވެ.އަދި 01 ޖުލައި 2019 އިން ފެށިގެން އައްޑޫގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި އެކި ޝޯވ ތަކާއި ފެސްޓިވަލްތަކާއި ޕާޓީތަކާއި އިވެންޓްތަކާއި ރޯޑް ޝޯވ ފަދަ ޙަރަކާތްތަކުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމަށް ކައުންސިލުންވަނީ އިލްތިމާޒްކޮށްފައެވެ

މީގެ އިތުރުން ހުއްޓާލުމަށް ކައުންސިލުން އިލްތިމާޒްކޮށްފައިވާ ކަންތައްތަކަކީ 31 ޑިސެމްބަރ 2019 އިން ފެށިގެން އައްޑޫ ގެ ހުރިހާ ސިޓީ ހޮޓަލްތަކާއި ގެސްޓް ހައުސް ތަކުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން، ހުރިހާ ރިސޯޓު ތަކުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން،އައްޑޫ އިންޓަރނޭޝަނަލް އެއަރ ޕޯރޓުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން،ސިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން އަދި އައްޑޫގެ މަސް ދޯނި ފަހަރާއި ދަތުރު ފަތުރު ކުރުމުގެ ޚިދުމަތް ދޭ އެއްގަމާއި ކަނޑުގެ ހުރިހާ ބާވަތެއްގެ އުޅަނދެއްގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމެވެ.

މީގެ އިތުރުން 05 ޖޫން 2020 އިން ފެށިގެން ފެއައްޑޫގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ހުރިހާ ތަނަކުން އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން،ފެށިގެން އައްޑޫގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ހުރިހާ ތަނަކުން އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން އަދި ގެން އައްޑޫގެ ހުރިހާ ގޭބިސީ ތަކާއި އައްޑޫގެ ޢާންމު ތަންތަނުގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން ހިމެނެއެވެ.

05 ޖޫން 2020 އިން ފެށިގެން މުޅި އައްޑޫ ސިޓީގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ކައުންސިލުންވަނީ ނިންމާފައެވެ.