English Edition
Dhivehi Edition

ޖުޑިޝަރީއަކީ ގާނޫނު އަސާސީއަށް އޮޅުނުކުރެވުނު ބުޅަލެއް ކަމަށާއި، އެކަމުގެ ހައްލަކީ ބުޅާ ގެއިން ނެރެލުން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ރޭގައި ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ޖުޑިޝަރީއަކީ ގާނޫނު އަސާސީން އޮޅުނުކުރެވުނު ބުޅަލެއް ކަމަށެވެ. އަދި އޮޅު ނުވާނަމަ ވައްކަން ކުރާނެ ކަމަށާއި، އޭގެ ހައްލަކީ ބުޅާ ގެއިން ނެރެލުން ކަމަށެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓާއި، ރައްޔިތުންގެ މަޖިލިސް އަދި ސަރުކާރާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ބެލެނިވެރި ފަރާތް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުމެއް ވެސް ބާތިލް ކޮށްފައެވެ.

ޖޭއެސްސީ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ސިވިލްކޯޓުގެ ފަނޑިޔާރުން ވެސް ވަނީ ސްޕްރީމްކޯޓުގެ އަމަލުތަކަށް ފާޑު ވިދާޅުވެފައެވެ.

ފަނޑިޔާރުން ވިދާޅުވެފައިވަނީ ފަނޑިޔާރުންނަށް، ފަނޑިޔާރުގެ އަމިއްލަ އަށް އިސްލާހުކުރަން ލިބުނު ފުރުސަތު ވަނީ ފާއިތުވެގޮސްފައި ކަމަށާއި މަޑުން ތިބުމަށްވުރެ އިތުރު ގޮތެއް ދެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ދާދި ފަހުން ބާތިލް ކުރި މައްސަލަ އަކީ، އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި މައްސަލައެވެ. އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެކެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ ނިންމުން ބާތިލްކޮށް ދީދީގެ މައްޗަށް ފިޔަވަޅު ނޭޅުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގައި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށް ނިންމާފައެވެ.