ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލަށް ބަދަލުތަކެއް ރައީސް އޮފީހުން ގެނެސްފިއެވެ.
މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގެނައި ބަދަލުގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ ދިނުމަށްވަނީ ނިންމަވާފައެވެ.
އިސްލާހުކޮށް އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ވިހެއުމާ ގުޅިގެން ޢިނާޔަތްތައް ދެވޭނީ ބަލިވެއިނދެ 27 ހަފުތާގެ ފަހުން ވިހައިފި ނަމައެވެ. އަދި މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެ ސެޓްފިކެޓްގައި ބުނާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާ އެކު ދެވޭނެ ކަމަށް އުސޫލުގައި ވެއެވެ.
އުސޫލުގައި ބުނެފައި ވަނީ މުވައްޒަފަކު ބަލިވެއިނދެ 27 ހަފުތާގެ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ ނެތް ހާލަތެއް ދިމާވިޔަސް، ވަޒީފާއާ ބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަލިވެއިނުމާއި ނުވަތަ ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީއެއް މުވައްޒަފު ވިހާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާ އެކު ދެވޭނެ ކަމަށެވެ.
މީގެ އިތުރަށް މިއުޞޫގައި ސިވިލް ސާރވިސް މުވަައްޒަފުންވެސް ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީއަށް ގެނެވުނު އިޞަްލާޙުގައިވާ ހުރިހާކަމެއް ފިރިހެން މުވައްޒަފުންނަށްވެސް ލިބިގެންދާނެ ކަމަށް މިއުޞޫލުގައި ވެއެވެ.
ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ.ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާ އެކު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ ހަމަޖެއްސަވާފައެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިތުރުން މިނިވަން މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ދަނީ އެގޮތަށް އަމަލު ކުރަމުންނެވެ.